Sat, 18 January, 2020, 12:36 am
ގްރޭޓާ މާލެ ކުންފުނީގެ އަމާޒު: ހާމަކަމާއި ހަމަހަމަކަން އިސްކޮށް، އިތުބާރު ގާއިމްކުރުން

މި ސަރުކާރު ވެރިކަމަށް އައިފަހުން، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިންގި އެތައް ކޮރަޕްޝަންގެ އަމަލެއް މިވަނީ ތިލަ ކޮށްފަ އެވެ. ސަރުކާރުގެ ވުޒާރާތަކުންނާއި ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަތަކުގެ އަޑު ގަދަ ވެއްޖެ އެވެ. ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާ ނުވާ ކުންފުންޏެއް މަދެވެ. ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ވަނީ ގެއްލިފަ އެވެ.

އޭގެ ތެރެއިން އެއް ކުންފުންޏަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންޑަސްޓްރިއަލް ލިމިޓެޑް އެއްކޮށްލައިގެން އުފެއްދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް)އެވެ. އެ ކުންފުނީގައި ސިއްސައިގެންދާ ވަރަށް ކޮރަޕްޝަންގެ ކަންތައް ހިންގާފައިވާއިރު، އެކި ނަންނަމުގައި ތަފާތު އެކި އެގްރިމެންޓުތައް ހަދައިގެން ކުންފުނީގެ ތެރޭގައި ވައްކަން އޮތީ އިންތިހާ ކޮށްފަ އެވެ.

ރާއްޖޭގެ ވިޔަފާރި ވެރިންގެ މައިބަނދަ ކަމަށްވާ ގްރޭޓާ މާލެ ކުންފުނީގެ މިފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވިއިރު، ވިޔަފާރި ވެރިންގެ އިތުބާރު ކުންފުންޏާމެދު އޮތީ ހީނަރުވެފަ އެވެ. ހަމަހަމަ އުސޫލެއްގެ ދަށުން އިންސާފުން ކަންތައް ކުރާނެ ކަމާމެދު ވިޔަފާރިވެރިން ދަނީ ސުވާލު އުފައްދަ އެވެ.

ނަމަވެސް އެކަން ބަދަލުކުރުމަކީ މިއަދު އެ ކުންފުންޏާ ހަވާލުވެފައިވާ ބޯޑުގެ އެންމެ ބޮޑު އަމާޒެވެ. ޖީއެމްއައިޒެޑްގެ ޗެއާމަން ސައުދުﷲ އަހުމަދު ހަފްތާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކުންފުނީގެ އާ މެނޭޖްމަންޓުގެ އަމާޒަކީ ޖީއެމްއައިޒެޑްއަކީ ދެފުށް ފެންނަ ގޮތެއްގައި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންތައް ކުރިއަށް ގެންދިއުން ކަމަށެވެ.

“އަޅުގަނޑު މެންގެ އެންމެ ބޮޑު އަމާޒަކީ ވީހާވެސް ބޮޑަށް ޓްރާންސްޕޭރަންސީ ގޮތަށް، އެއްވެސް ސިއްރު ކަމެއް ނެތި ހަމަހަމަ އުސޫލުންކަންކަން ކުރުން. އެއާއެކު ރައްޔިތުންނަށް އެ ޔަގީންކަން އިތުބާރު ގާއިމްކޮށްދިނުން އެއީ އެންމެ ބޮޑު އަމާޒުކަން،” ސައުދުﷲ ވިދާޅުވި އެވެ.

އެގޮތުން އެފަދަ ކަންކަން ހިނގުން ހުއްޓުވުމަށް އާ ބޯޑުން ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވެސް އިސްލާހު ކުރެވިފައިވާކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ، ކުންފުނީގައި ކުރިން ހުރި ޕޮލިސީތައް ރިވިއު ކުރެވި، ގާނޫނީ އަދި ކަމުގެ މާހިރުންގެ ލަފަޔާއެކު އާ ޕޮލިސީތަކެއް ހެދި ފާސްކުރުމުގެ މަގުމަތީގައިވާ ކަމަށެވެ.

އޭގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓަށް ދޭ އިހްތިޔާރުތައް ކުޑަކޮށް، އެފަދަ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ވެސް ގާއިމް ކުރެވި އަދި ކުންފުނީގައި ފުރަތަމަ ފަހަރަށް މިނިވަން އޮޑިޓް ކޮމެޓީއެއް ގާއިމްކޮށް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ޖަވާބު ދާރީ ކުރެވޭނެ ނިޒާމެއް ގާޢިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ގްރޭޓާ މާލޭ ކުންފުނީގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތެއް ހަދައި ތަފާތު ކުރުން ގެންގުޅޭނަމަ ނުވަތަ އެފަދަ ކަމެއް ކުރާކަން ފެންނަނަމަ ލަސް ނުކުރައްވާ ކުންފުނީގެ އިސްވެރިންނަށް އެކަމެއް ރިޕޯޓް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ނައްތާލުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ޕޮލިސީއެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރުގެ އަމާޒަކީ އެފަދަ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ ގާނޫނީ އިމުގެ ތެރެއިން ކަންތައް ކުރުން ކަމަށެވެ.

އެގޮތުން ޖީއެމްއައިޒެޑްގެ ކުރިއަށް އޮތް އަމާޒަކީ ވެސް އެފަދަ ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަންތައްތަކެއް ގާއިމް ކުރުން ކަމަށާއި އެފަދަ ޕްލޭންތަކެއް ވެސް ހެދިފައިވާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

Leave a comment

Your email address will not be published.