މުޙައްމަދު އިބްރާހިމް
16 July 2019
މަޤްބޫލު ޙަބަރު

ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުންޏެވެ. ރާއްޖޭގެ އެކި އެންޖީއޯތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވެސް އެ ކުންފުނިން އެއްބާރުލުންދީ އެހީތެރިވެ އެވެ. އިޖްތިމާއީ ހަރަކާތްތަށް ކަމުގައި ދުވުންތަކާއި މުބާރާތްތައް ބާއްވަ އެވެ. އެކަމުގައި އެ ކުންފުންޏަކީ ނަމޫނާ އެކެވެ.

ނަމަވެސް ހިދުމަތުގައި އެ ކުންފުންޏަށް ވަނައެއް ދެވޭނެ ހެއްޔެވެ؟ ދިރާގުގެ ކަސްޓަމަރުންގެ ޝަކުވާ އިންތިހާ ބޮޑެވެ. ހިދުމަތާ ގުޅޭގޮތުން ރަތަށް އަރައިގެން ނޫޅޭ ކަސްޓަމަރާ ދިމައެއް ނުވެ އެވެ. އެ ޝަކުވާ އުފުލައިދޭނެ ބަޔަކު ވެސް ނެތެވެ. ސަބަބަކީ ރާއްޖޭގައި އެފަދަ އަޑެއް އިއްވައިދޭނެ ބަޔަކު ވެސް “ގަނެލާފައި” ވުމެވެ.

ދާދިފަހުން ދިރާގުން ތައާރަފްކުރި ސިކުންތަކު އެއް ޖީބީގެ ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް ބުނަ “ގިގަ ސްޕީޑް”ގެ ހިދުމަތް ފާހަގަކޮށްލާނަމެވެ. ކިޔާލަން ޝައުގުވެރި ހިދުމަތެކެވެ. ދިރާގުގެ ކަސްތޮޅުގައި ޖެހިފައިވާ ބައެއް ފަރާތްތަކުން ގެނައި މޮޅެތި ހެޑްލައިން ތަކުން އެކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ނަމަވެސް އެއްވެސް ނޫހަކުން އެ އަގެއް ގެނެސްދީފައެއް ނުވެ އެވެ. “ފެލާލުމުގެ” ނިޔަތުގައި ތައާރަފްކުރި ހިދުމަތެއް ކަމަށް ބުނެ އަގާއެކު ރައްޔިތުން އެރީ ރަތަށެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މަހަކު 6990 ރުފިޔާއަށް އެ ހިދުމަތް ދިނުން އެއީ އިންޓަނެޓްގެ އަގު ހެޔޮ ކުރާނެ ކަމަށް ބާރަށް ވިދާޅުވެ އައި ސަރުކާރަށް ކުރި މަލާމާތެއް ކަހަލަ އެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެތައް ގުނަ އެއް އަގުބޮޑުކޮށް 1 ޖީބީޕީއެސްގެ ހިދުމަތް ދިރާގުން ތައާރަފްކުރުމުން އެއް ބަޔަކަށް ރަތަށް އެރި ނަމަވެސް އަނެއް ބަޔަކު ޖެހީ ޖޯކެވެ.

އެގޮތުން 10 އެމްބީޕީއެސްގެ ހިދުމަތެއް ރަނގަޅަށް ނުދެވިގެން އުޅޭ ކުންފުންޏަކަށް 1 ޖީބީޕީއެސްގެ ހިދުމަތް ދެވޭނެތޯ ކަސްޓަމަރުން ސުވާލު އުފެއްދިއިރު، ފުރަތަމަ ރަނގަޅު ހިދުމަތެއް ދިނުމަށް ގިނަ ބަޔަކު ގޮވާލި އެވެ. އަނެއް ކަސްޓަަމަރުން ބުނާގޮތުން ގޭ ކުއްޔާއި ކަރަންޓާއި ފެނާ އެއް ކުރުމުން ވެސް ދިރާގުގެ އާ އިންޓަނެޓްގެ އަގު ބޮޑެވެ.

އެހެންކަމުން “ފިނިހަކަ” ދުވެލީގައި ދިރާގުން މޮޅު ނަމުގައި ތައާރަފްކުރި ހިދުމަތަށް ގިނަ ބަޔަކު ދިނީ “ޕުއާ”ގެ ރޭޓިން އެވެ.

ދެން އޮތީ ދިރާގާއި ކަސްޓަމަރުންނާ އޮންނަ ގުޅުމުގެ ވާހަކަ އެވެ. ކަސްޓަމާ ސާވިސްއަށް ގުޅައިގެން އެތައް އިރެއްވާއިރުވެސް ފޯނަށް ޖަވާބު ނުދޭ ކަމުގެ ޝަކުވާ އެވެ. އެތައް ދުވަހެއް މަސައްކަތް ކޮށްގެން ވެސް ދިރާގުގެ އެޖެންޓަކާ ދިމާނުވާ ވާހަކަ އެވެ. ހިދުމަތެއް ހޯދަން ނުވަތަ ކަމެއް އޮޅުން ފިލުވަން ކަސްޓަމަރުން ފަހަތުން ދުވެ އާދޭސް ކުރާ މަންޒަރެވެ. ކުއްލި ކުއްލިއަށް ނެޓް ކެނޑި ފޯރިގަދަ ގޭމް ގަނޑެއް ޖަހަން އިންނަ މީހާއަށް ވެސް ލިބޭ ހިތްހަމަޖެހުން ފޭރޭ ތަނެވެ.

ކަސްޓަމަރުން ތަކަކަށް މިފަދަ ނިކަމެތި ހާލެއް ޖައްސާއިރު ދިރާގުން އަނެއްކާވެސް މިދަނީ ދުވުމަކަށް ތައްޔާރު ވަމުންނެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމަށެވެ. މި ހަރަކާތާއެކު ދިރާގުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކުން ވެސް ދަނީ ލައްކަ ޕްރޮމޯޓް ކޮށްދެމުން ނެވެ. ހިދުމަތަށް ވުރެ ދުވުން މުހިންމެވެ. އެއީ ޝޯ ދެއްކުމަކަށް ވެސް ވެދާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©