މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

ކ. އަތޮޅުން ލ. އަތޮޅަށް ރީނދޫ އިންޒާރު ނެރެފި!

މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ކ. އަތޮޅުން ލ. އަތޮޅާ ދެމެދަށް ރީނދޫ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އެ އިންޒާރު ނެރެފައިވަނީ، މިއަދުގެ މެންދުރުފަހު 1:15 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އަދި އިންޒާރު ނެރެފައިވާ ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ކ. އަތޮޅާއި ލ. އަތޮޅާ ދެމެދަށް މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައި މިވަނީ، މާދަމާ ހެނދުނު 10:00 ހަމައަށް މުޅި ރާއްޖެއަށް ހުނދު އިންޒާރު ނެރެފައި ވަނިކޮށެވެ.

އެގޮތުން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކޮށް، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ވައި ޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

އެ އިދާރާއިން ބުނާ ގޮތުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާނެ ތީވެ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެންކަމުން ބޯކޮށް ވާރޭވެހި، ވައިގަދަވެ، އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©