މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ދޮގު ހައްދަވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެގޮތަށް ކަމެއް ފާހަގަ ކުރެއްވިއްޖެ ނަމަ، އެކަމެއް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމެީޓތަކަށް ހާޒިރުވެވަޑައިގަންނަވާ ބައެއް މުއައްސާސަތަކުގެ ބޭފުޅުން “ސާފު ބަހުން ވާހަކަ ނުދައްކަވާ” ކަމުގެ ޝަކުވާ މުގައްރަރުން ކުރައްވާ ކަމަށެވެ.

“އަޅުގަނޑު ގާތުގައި ބައެއް މުގައްރަރުން އެބަ ވިދާޅުވޭ ބައެއް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން ސާފު ބަހުން ވާހަކައެއް ނުދައްކަވައޭ. އިތުރުފުޅު ހައްދަވާ ކަމަށް އެބަ ޝައްކުކުރެވެއޭ،” ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ދައުލަތުގެ ވެރިއެއް ނުވަތަ މުއައްސަސާތަކުގެ ވެރިއަކު ވިޔަސް މަޖިލީހަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމަކީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ ކަމެއް ކުރައްވާކަން މަޖިލީހަށް ފާހަގަކުރެއްވިއްޖެ ނަމަ ތަހުގީގު ކުރެވި ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، ކޮމެޓީތަކުގެ މަސައްކަތްތައް ހަލުވިކޮށް، އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ ވެރިން ކޮެމެޓީތަކަށް ދަނީ ހާޒިރު ކުރެވެމުން ނެވެ. އަދި ވަޒީރުން ވެސް މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލުކޮށް ޖަވާބުދާރީ ކުރުވާފައިވެ އެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްމުން ނަޝީދު އިތުރަށް ވަނީ، ވުޒާރާއެއް ނުވަތަ މުއައްސަސާއެއްގެ ވެރިން ކޮމިޓީއަކަށް ގެންނަ އިރު، ހަމަ އެ ފަރާތަކާ އެހެން ކޮމިޓީއެއްގެ މެމްބަރުން އޮޅުން ފިލުވަން ބޭނުންވާ ކަމެއްވާ ނަމަ، އަނެއްކާ އެހެން ދުވަހެއްގައި އެހެން ކޮމިޓީއަކަށް އެ ފަރާތްތައް ނުގެންނަވައި، ދެ ކޮމިޓީއެއް ނޫނީ ތިން ކޮމިޓީއެއް އެއްވެގެން ކަންކަން އޮޅުން ފިލުއްވުމުގެ މަސައްކަތް މަޖިލިިހުގައި ކުރެއްވުމަށް މުގައްރިރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެގޮތުން ވުޒާރާތަކާއި މުއައްސަސާތަކުގެ ވެރިން މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާއިރު މަޖިލީހުގައި އެބޭފުޅުން ގިނަ ވަގުތު ހޭދަކުރެއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©