މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

އާދައިގެ ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލީގެ މީހުންނަށް އެ ވާހަކަ ދެއްކޭނެ މާހައުލެއް ރާއްޖޭގައި ޤާއިމުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މެންޓަލް ހެލްތް އެވެއަނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ “މެންޓަލް ހެލްތް އެންޑް ޔަންގ ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތް އެވެއަނަސް ވޯކްޝޮޕް ފޮރ އެޑިއުކޭޓާސް” ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ޝައިން ޓްރީ ބިލްޑިންގުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، މިފަދަ ވޯކްޝޮޕްތައް ބޭއްވުމުން ނަފްސާނީ ދުޅަހެޔޮކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ނުހަނު މުހިއްމު ރޯލެއް އަދާ ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި ނަފްސާނީ ބަލިތަކާމެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަަމަށް ވިދާޅުވި އެވެ.

ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރަކީ ޒުވާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވާ އެކަމަނާ އިތުރަށް ވިދާޅުވީ އެ ދުވަސްވަރަކީ ސްކޫލްގެ މާޙައުލުގެ ތެރެއިން ނަފްސާނީ ކަންކަމާގުޅޭ ޚިދުމަތްތަކުގެ ބޭނުން އެންމެ ބޮޑަށް ޒުވާނުންނަށް ބޭނުންވާނެ ދުވަސްވަރު ކަމަށެވެ.

އަދި އުނގަންނައިދޭ ފަރާތްތަކާއި މުޖުތަމައުގެ އެކިއެކި ފަރުދުންނާއި އާއިލާތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރާ މީހުންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ ހާއްސަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވައުުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©