މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ޅ. އަތޮޅާއި ވ. އަތޮޅާ ދެމެދަށް މޫސުން އިތުރަށް ގޯސްވުމާ ގުޅިގެން ރީނދޫ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން އެ އިންޒާރު ނެރެފައިވަނީ، މިރޭގެ 22:20 އިން ފެށިގެން މެންދަމު 2:20 އާ ހަމައަށެވެ. އަދި އިންޒާރު ނެރެފައިވާ ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ޅ. އަތޮޅާއި ވ. އަތޮޅާ ދެމެދަށް ރީނދޫ އިންޒާރު ނެރެފައިވާއިރު، މާދަމާރޭ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކޮށް އަދި ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.

ވައި ޖެހޭނެ ކަމަށް ބެލެވެނީ ދެކުނާއި ހުޅަނގު ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވާނެ އަދި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.

އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©