މުޙައްމަދު އިބްރާހިމް
18 July 2019
މަޤްބޫލު ޙަބަރު

އާއިލާއާއެކު ބޮލީވޫޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ރާއްޖެ އަތުވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި ޝާހު ރާއްޖެ އައިސްފައިވަނީ އަންހެނުން ގޯރީ ޚާންއާއި އޭނާގެ ތިން ކުދިން ކަމަށްވާ ދޮށީ ދަރިފުޅު އާރިޔާން ޚާނާއި އަންހެން ދަރިފުޅު ސުހާނާ ޚާނާއި ހަގު ދަރިފުޅު އަބްރަމް ޚާން އާއެކު އެވެ.

އެމީހުން ރާއްޖެ އައިސްފައިވަނީ ކޮން ފްލައިޓަކުން ކަމެއް ނޭނގުނު ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ތިބުމަށް ހަމަޖެހިފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުގަ އެވެ.

އާއިލާއާއެކު ޝާހް ރާއްޖެ އައިސްފައިވާއިރު، އޭނާގެ ފަހުގެ ހުރިހާ ފިލްމުތަކެއް ވަނީ ފްލޮޕްވެފަ އެވެ. އެކަމާ ގުޅިގެން މި ވަގުތު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި އެކްޓިން އިން ބްރޭކެއް ނެގުމަށް ފަހު ދަރިންނާ އެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އުމުރުން 54 އަހަރުގެ އެކްޓަރު، ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ ބޮޑު ބަޖެޓަކުން ހަދައި މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒް “ޒީރޯ” އެވެ. ނަމަވެސް އެ ފިލްމު ވެގެންދިޔައީ އޭނާގެ ކެރިއަރުގެ އެންމެ ނާކާމިޔާބު އެއް ފިލްމަށެވެ.

އޭގެ ފަހުން ކުރިން ސޮއިކޮށްފައި އޮތް އިންޑިއާގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ “ސާރޭ ޖަހާ ސެ އައްޗާ” ވެސް ޝާހްރުކް ވަނީ ދޫކޮށްލައިފަ އެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލު ތަނަކަށް ވެފައިވާއިރު މިއަހަރުގެ ތެރޭގައި ވެސް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ ވަނީ އައިސްފައި އެވެ.

އޭގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ކަމުގެ އަޑު ގަދަވެފައިވާ ބޮލީވުޑްގެ ޖޯޑު، މަލައިކާ އަރޯރާއާއި އަރްޖުން ކަޕޫރުގެ އިތުރުން ކެޓްރީނާ ކައިފް ވެސް ދާދި ފަހުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©