.
25 July 2019
މަޤްބޫލު ޙަބަރު

ކޮންމެ އަހަރަކުވެސް ބޮޑު ފައިދާއެއް ހޯދަމުންއަންނަ ދިރާގުގެ ބައެއް ޙިދުމަތްތައް މެދުކެނޑި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކަސްޓަމަރުންނަށް ކުރިމަތިވެއްޖެއެވެ.

ދިރާގުން ފޯރުކޮށްދޭ ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތަކާއި، މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުމާއި، ދިރާގު ވެބްސައިޓްގައިވާ “މައި އެކައުންޓް” އަދި ދިރާގު މޮބައިލް އެޕް ބޭނުންކުރުމުގައި އެޚިދްމަތް ހޯދާ ފަރާތްތަކަށް މިއަދުވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

މީގެއިތުރުން މަމެން މޯބައިލް އެޕާއި، ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުމުގެ އިތުރުން މޮބައިލް ނަންބަރ ޕޯރޓަބިލިޓީގެ ޙިދުމަތް ހޯދުމުގައިވެސް ލަސްތަކެއް ދިމާވަމުން އަންނާތީ ކަސްޓަމަރުން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކަސްޓަމަރުންގެ ޝަކުވާއާއި ގުޅިގެން ދިރާގުން ބުނެފައިވަނީ އެކުންފުނިންދޭ ބައެއް ޙިދުމަތްތައް މެދުކެނޑި ބޭނުންކުރުމުގައި ދަތިތަކެއް ދިމާވަމުންދަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިރާގުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއްކަމަށެވެ. އެހެންކަމުން މި ދުވަސްކޮޅު ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަކީ މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިވާމަމުންދާ ދަތިތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ދެމުންއަންނަ ޚިދްމަތްތަކަށް ގިނަ މައްސަލަތަކެއް ދިމާވަމުންއަންނައިރު މިއަހަރުގެ ޖެނުއަރީމަހުގެ 27ވަނަ ދުވަހުވެސް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބައެއް ޚިދުމަތްތައް އެކުންފުނިން ވަނީ މެދުކަނޑާލާފައެވެ.

އެފަހަރުވެސްު ދިރާގުން ބުނެފައިވަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއި، ކަސްޓަމަރ ސަރވިސް ސެންޓަރގެ ޚިދުމަތާއި، ދިރާގު ޕާޓްނަރ ޝޮޕްތަކުގެ ޚިދުމަތާއި، ދިރާގު ވެބްސައިޓްގައިވާ ‘މައި އެކައުންޓް’ ދަށުން ލިބޭ ޚިދުމަތްތަކާއި، ދިރާގު މޯބައިލް އެޕާއި، މަމެން މޯބައިލް އެޕްގައިވާ ބިލްޑް އަދި ޓޭކްބެކް ފީޗަރ އާއި ދިރާގުޕޭގެ އިތުރުން ދިރާގު ސެލްފް ކެއާ ޗެނަލްސް ގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި ދިރާގުގެ ޚިދްމަތްތަށް ލިބުމުގައި ބޮޑެތި ދަތިތަކާއި ކަސްޓަމަރުން ކުރިމަތިލަމުންދާއިރު މިދިޔަ 2018 ވަނަ އަހަރުއެކަނިވެސް އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ދިރާގުންވަނީ ހޯދާފައެވެ. އޭއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، %5.4 އިތުރު ޢަދަދެކެވެ. މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް 905 މިލިއަން ރުފިޔާލިބިފައިވާއިރު މިއީ އޭގެކުރީ އަހަރާއި އަޅާބަލައިރު %0.8ގެ އިތުރުވުމެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©