މުޙައްމަދު އިބްރާހިމް
08 August 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ބޮޑު އީދަށް މިއޮތީ ދެ ދުވަހަށް ވެފައެވެ. ބޮޑު އީދަށް އަތޮޅު ތެރެއަށްދާ މީހުން މަތިންނާއި ތިރިން ދަތުރު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އީދަށް ރަށްރަށަށް ދާ ފަންނާނުންނާއި ބޭންޑުތަކުން ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ހާއްސަކޮށް މިއަހަރުގެ ބޮޑު އީދުގައި އެންމެ ބުރަކޮށް އުޅޭ އެއް ގުރޫޕަކީ ރާއްޖޭގައި ނަގާކިޔާ ޒުވާން ބޮޑުބެރު ގުރޫޕް “ބިދަބިން” އެވެ.

މިއަހަރުގެ އީދުގައި އެ ގުރޫޕުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ އިތުރުން ޅ. ހިންނަވަރު އަދި މީދޫގައި ހުށަހަޅައިދޭން ވަނީ ތައްޔާރުވެފައެވެ. އަދި އެ އަތޮޅު ހުޅުދެލީގައި ވެސް ޝޯވ ދިނުމަށް އެ ރަށު އަންހެނުން ކޮމެޓީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ އަންނަ އަންގާރަ ދުވަހު ހުޅުދެލީގައި އެ ގުރޫޕުން ބޮޑުބެރުގެ އަޑު ގުގުމާލާނެ ކަމަށެވެ.

އަދި ހުޅުދެއްޔަށް ބިދަބިން މީގެ ކުރިން ދެ ފަހަރަކު ގޮސްފައިވާއިރު، އެރަށަކީ ބިދަބިން ބޮޑުބެރު ގުރޫޕާ ގާތް ގުޅުމެއް އޮންނަ، މެހެމާންދާރީގައި ނަމޫނާ ރަށެއް ކަމަށް އާއްކޮ ފާހަގަކުރިއެވެ.

މިއަހަރުގެ ބޮޑު އީދަށް ބިދަބިން އިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އެގޮތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ދިވެހިންގެ ހިތްތައް އަތުލި ކުޑަ ނަމަވެސް ވަރުގަދަ އަޑުގެ ވެރިޔާ، މުހައްމަދު ރީހާން އާއި ލަވަކިޔުމާއި ނެށުމުގެ ތަޖުރިބާގައި ދެވަނަ އެއް ނެތް އަލީ އަހްސަން (ހޯރަ އައްޔަ)ގެ އިތުރުން މި އީދުގައި ބިދަބިންއާއެކު ރާއްޖޭގައި ނަގާ ކިޔާ ތަފާތު ދެ އަޑެއް އިވިގެންދާނެ އެވެ.

އެއީ ބޮޑުބެރުގައި ފާހަގަކޮށްލެވޭ ދެ ފަންނާނުން ކަމަށްވާ، މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލު ކަމެއް ލިބުނު އަދި ވަރުގަދަ އަޑުގެ ވެރިޔާ ނައުޝާދް ލަތީފް (ޒަރޭ) އަދި ބޮޑުބެރުގައި މަޝްހޫރު އަޑުގެ ވެރިޔާ އަބްދުﷲ މުރުޝިދް (ލާރާ) އެވެ.

ބިދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭގައި ނަގާ ކިޔާ އެއް ގުރޫޕެވެ. އެގޮތުން މި އީދުގައި އެ ގުރޫޕުން ތައާރަފްކޮށްފައިވާ ޕެކޭޖުގައި ވެސް ސަގާފީ އެތައް އައިޓަމްތަކާއި ޒަމާނީ ލަވަތަކެއް ހިމަނާފައިވާނެ ކަމަށް އާއްކޮ މައުލޫމާތުދެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©