މުޙައްމަދު އިބްރާހިމް
10 August 2019
މަޤްބޫލު ޙަބަރު

މުޖުތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަހަމަކަން ފެތުރިގެންދާނީ ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ހިތާބުގައި ރައީސް ވިދާޅުވީ، އަޟްހާ އީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު މި އީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ ކޮންމެ ކަމެއްގައި ވެސް މުޖުތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުސޫލުތައް ކަމަށެވެ.

ނަމަވެސް އެކަން މުޖުތަމައުގައި ފެތުރިގެންދާނީ ތިމާގެ އަމިއްލަ ނަފްސަށް ހެޔޮ އެދޭ ފަދައިން އަނެކުންގެ މަސްލަހަތަށް އިސްކަންދީ އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމުގައި ވެސް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީ ވެސް އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށާއި އުފާވެރިކަން ފާޅުކޮށް، ތަހުނިޔާ އާއި ހެޔޮ އެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ވެސް މުޅި މުޖުތަމައުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©