މުޙައްމަދު އިބްރާހިމް
10 August 2019
މަޤްބޫލު ޙަބަރު

އީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖުތަމައުގެ އެންމެން ބައިވެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ މިއަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ހިތާބުގައި ރައީސް ސޯލިހު ވަނީ، އަޟްހާ އީދުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި އަމިއްލަ ގައުމާއި އާއިލާއާ މާ ދުރުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ އަހުންނާއި އުހުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި ވަރަށް އިހްލާސްތެރިކަމާއެކު އީދުގެ ތަހުނިޔާއާ ހެޔޮ އެދުންތައް އަރިސްކޮށްފައެވެ.

އަދި މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީ ވެސް އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށާއި އުފާވެރިކަން ފާޅުކޮށް، ތަހުނިޔާ އާއި ހެޔޮ އެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ވެސް މުޅި މުޖުތަމައުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

އަދި މިފަދަ ކޮންމެ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށާއި ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމުގައި ވެސް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©