މުޙައްމަދު އިބްރާހިމް
11 August 2019
މަޤްބޫލު ޙަބަރު

ދިވެހިން ކުރި ސޮދަގާތުން މިއަހަރު ސީރިއާ، ޣާޒާ އަދި ރޮހިންގާގެ ނިކަމެތި ރައްޔިތުންނަށް އުލްހިޔާ ކަތިލަން ނިންމާފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވަމުންދާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ، އައިއޭސީން މިދިޔަ އަހަރުގެ އަޟްހާ އީދުގައި ވެސް އުލްހިޔާ ކަތިލުމުގެ ޕްރޮގްރާމެއް ވަނީ ހިންގައިފައެވެ. ނަމަވެސް މިދިޔަ އަހަރު އެ ހަރަކާތް ހިންގާފައިވަނީ ޣާޒާގައި އެކަންޏެވެ.

އައިއޭސީގެ ނައިބް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ، މިއަހަރުގެ އަޟްހާ އީދުގައި ޣާޒާގެ އިތުރުން ސީރިއާ އަދި ރޮހިންގާގެ އަހުންނާއި އުހުތުންނަށް އުލްހިޔާ ކަތިލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ގައުމުތަކުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ސީރިއާގައި ތިބި ނިކަމެތި ރައްޔިތުންނަށް ބެހުމަށްޓަކައި އެގައުމުގައި ކަންބަޅި އާއި ބަކަރި ހިމެނޭ ގޮތުން 80 ކުދި ޖަނަވާރާއި ބޮޑު ތިން ގެރި ކަތިލަން ވަނީ ނިންމައިފައެވެ.

އަދި މެލޭޝިއާގައި ތިބި ރޮހިންގާ ރައްޔިތުންނަށް ހަތަރު ގެރި އާއި އެއް ބަކަރި ކަތިލަން ނިންމާފައިވާއިރު ބަންގުލަދޭޝްގެ ކޮޒް ބާޒާރުގައި ތިބި ރޮހިންގާގެ އަހުންނާއި އުހުތުންނަށް ބެހުމަށް ފަސް ގެރި އާއި ދެ ބަކަރި ކަތިލަން ނިންމާފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ.

އަދި ޣާޒާގައި އުލްހިޔާގެ ގޮތުގައި ކަތިލުމަށް ނިންމާފައިވަނީ 30 ބަކައްޓާއި ދެ ގެރިއެވެ.

އައިއޭއެސް އިން ސީރިއާ، ޣާޒާ އަދި ރޮހިންގާގައި ތިބި ނިކަމެތި އަހުންނާއި އުހުތުންނަށް ބެހުމަށް އެގައުމުތަކުގައި އުލްހިޔާ ކިތަން ނިންމާފައިވާއިރު، ދިވެހިންގެ ފަރާތުން ލިބޭ އެހީގެ ފައިސާއިން އެ ޖަމިއްޔާއިން މީގެ ކުރިން ވަނީ ކާމިޔާބު އެތައް ޕްރޮގްރާމެއް ހިންގައިފައެވެ.

އެގޮތުން އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ‘ލޯތްބާއެކު” ކެމްޕެއިންގެ ދަށުން ޣާޒާގެ 1000 އާއިލާއަކަށް 10 ދުވަހުގެ ކެއުމަށް ބޭނުންވާނެ ތަކެތި ހަދިޔާކޮށްފައިވާއިރު، ސާފު ބޯފެން ރައްކާކުރާނެ ހަމާއި ކަރަންޓް ފޯރުކޮށްދިނުމަށް ބެޓެރި ޕަވަރު ޔުނިޓްތަކާއި ފިތްރު އީދުގައި ކާޑުގެ ބާވަތްތައް ވަނީ ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©