އެމަނިކުފާނުގެ ޚިޠާބުގައި، އިންސާނީ ކޮންމެ މުޖްތަމަޢަކަށް، ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމަޢެއް ކުރިނާރާނެ ކަމުގައެވެ.

“މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުޞަތު ލިބިދޭ، ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރު ކޮށްދިނުމެވެ.

ހަމައެއާއެކު، ޙަޔާތުގެ ހުރިހާ ޢުމުރު ފުރާއެއްގައި ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު، އެންމެންނަށް ފަހިކޮށްދިނުމެވެ. އެއީ، އދ. މަޖިލީހުން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ 2030ގެ އެޖެންޑާގެ ބިންގަލަކީ، ފެންވަރު ރަނގަޅު ތަޢުލީމް ކަމަށްވާތީއެވެ.” ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބު ކުރިއަށް ގެންދަވަމުން، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، ޒަމާނީ ތަޢުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރެވޭނެ މަގުންކަމުގައި ވިދާޅުވެފައިވެއެވެ.

އަދި އޭގެ ބޭނުމަކީ، ޤައުމާއިގެން ކުރިއަށް ދިޔުމުގެ ރޫޙާއި، ވަޠަނީ ލޯބި ހުރި، ޢަދުލު އިންޞާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ޤައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުންކަމުގައި ރައީސުލްޖުމްހޫރިޔާ ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުގެ އުންމީދަކީ، ދައުލަތުން ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ތިޔަ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ޢަޒުމް ކަނޑައަޅައި، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ޤައުމަށް ލިބޭ ތަރައްޤީއެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ޤައުމު އިޞްލާޙްކުރުމުގެ ތަޅުދަނޑިއެވެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.