މުޙައްމަދު އިބްރާހިމް
12 August 2019
މަޤްބޫލު ޙަބަރު

މާލެ އާއި ވިލިމާލެއާ ދޭތެރޭގައި އޮންނަ ވޭލް ސަބްމެރިން އަޅާފައި އޮންނަ ޑޮކްގެ ފައްތިޔަ ކަނޑައިގެން ގޮސްގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ވޭލް ސަބްމެރިން އަޅާފައި އޮންނަ ޑޮކްގެ ފައްތިޔަ ކަނޑައިގެން ދިޔަކަމުގެ ރިޕޯޓެއް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދުގެ 15:22 ގައި ލިބިފައިވާ ކަމަށެވެ.

އަދި އެ ހާދިސާއާ ގުޅިގެން މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ކަނޑުގަދަވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ރިޕޯޓް ކުރުން ވަނީ އިތުރުވެފައެވެ.

އެގޮތުން އިއްޔެ ހަވީރު 6:14 ހާއިރު އައި ވިއްސާރަ ކޮޅިގަނޑެއްގައި އއ. ކުރަމަތި ރިސޯޓުގެ އެއާ ޓެކްސީ ޕްލެޓްފޯމްގެ ފައްތިޔަލުގައި އަޅާފައި އޮތް ޓީއެމްއޭގެ އެއާ ޓެކްސީއެއް، ފައްތިޔަލުން ކަހާލައިގެން ގޮސް އެ ހިސާބުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި އެއާ ޓެކްސީއަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަދި އިއްޔެ ވިލިމާލެ ބީޗުން ކެނޯއެއްގައި އެރަށު ނެރުމައްޗަށް ނުކުތް ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ދެމީހުން ވަނީ ހެޔޮހާލުގައި ފެނިފައެވެ.

އެ މީހުން ސަލާމަތްވީ ގަދަ ވަޔާއެކު ކޮޅިގަނޑެއްގައި ޖެހި ކެނޯއާއެކު އޮޔާ ދަމުންގޮސް ރޭގެ ފަތިހު 3:10 ހާއިރު ހުޅުމާލެ ސްވިމިން ޓުރެކާ ދިމަލަށް ކެނޯ އައުމުން، ފަތާފައި އެއްގަމަށް އެރުމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©