.
13 August 2019
މަޤްބޫލު ޙަބަރު

މޫސުން ގޯސްވުމާ ގުޅިގެން ހިނގާ ކަނޑު މަތީގެ ޙާދިސާތައް އިތުރުވަމުންދާތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤަޢުމީ ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމާއި ގުޅިގެން ވޭތުވެދިޔަ 2 ދުވަހުވަނީ ކަނޑުމަތީގެ 12 ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ވަާނީ ރިޕޯޓްކޮށްފައެވެ. އެގޮތުން އުޅަނދުފަހަރު ފަރަށް އެރުމާއި، އުޅަނދު ދިޔަވެ އަޑިއަށް ދިއުމާއި، ނަގިލި ކަހައިގެން އުޅަނދުފަހަރު ގެއްލިގެން އެމްއެންޑީއެފްގެ މެރިޓައިމް ކޯޑިނޭޝަން ސެންޓަރަށްވަނީ ރިޕޯޓްކޮށްފައެވެ.

މި ފަދަ ހާދިސާތައް މަދުކުރުމަށް ކަނޑު ދަތުރަށް ނިކުންނަ ފަރާތްތަކާއި، އަދި އުޅަނދު ފަހަރު އަޅާފައި ބޭއްވުމުގައިވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.

ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުޙައްމަދު ސަލީމް ވިދާޅުވީ ކަނޑުމަތީގެ ޙާދިސާތައް މަދުކުރުމަށްޓަކައި ދޯނީގެ ކެޕްޓަނުންނާއި، އަދި ފަޅުވެރިންނަކީވެސް މިފަދަ ކަންކަމަށް ހޭލުންތެރި، ކަމުގެ މަޢުލޫމާތު ހުރި ބައެއްކަން ކަށަވަރު ކުރަންޖެހޭކަމަށެވެ.

“ފްލައިޓްތަކުގެ ކެޕްޓަނުންނާއި އެއްގޮތަށް ކަނޑު ދަތުރު ކުރާ މީހުންނަށްވެސް ރެސްޓް އެންޑް ރިލީފް ބޭނުންވޭ. ވަރުބަލިވެ ނިދި ޖެހިގެންވެސް އެބަ ޙާދިސާތައް ހިނގާ.” މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ކަނޑުމަތީގެ ހާދިސާތައް މަދު ކުރުމަށްޓަކައި ދަތުރަށް ނިކުންނައިރު މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި، ސަލާމަތީ ވަސީލަތްތައް އުޅަދުގައި ހުރިކަން ކަށަވަރުކުރުމާއި، އަދި ދަތުރަށް ފުރުމުގެ ކުރިން ދަތުރާގުޅޭ މަޢުލޫމާތުތައް އަންގަންޖެހޭ ފަރާތްތަކަށް އަންގައި ދަތުރަށް ނުކުތުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

އަދި މުދާ އުފުލާ އުޅަނދުތައް މުދާ ބަރުކުރުމުގައި ޤަވައިދާ އެއްގޮތަށް ޢަމަލުކުރުމަށާއި، އުފުލާ މުދާ ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުންވެސް ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައި ހުންނަ އުޅަނދުތައް ރަނގަޅަށް ބެލެހެއްޓުމާއި، އުޅަނދު ދިޔަވޭތޯ ބަލަމުން ގެންދިއުމަކީ ދުރާލާ އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ކަނޑު މަތީގެ ޙާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 919 އަށް އެންގުމަށްވެސް އެމްއެންޑިއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©