Sun, 23 February, 2020, 3:28 am
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް އަނެއްކާވެސް ދަށަށް!

ރާއްޖެ އަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހު ދަށަށް ހިނގައްޖެއެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ވެސް ދަށަށް ގޮސްފައިވާއިރު، މިދިޔަ ޖޫން މަހުވެސް އެ ދާއިރާއިން ވަނީ ދަށްވެފައެވެ.

ކަސްޓަމްސް އިން މިއަދު އާއްމު ކުރި ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު މިދިޔަ ޖުލައި މަހު އިމްޕޯޓް ކުރި އަދަދު ވަނީ ނުވަ ޕަސެންޓް ދަށަށް ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައިގައި 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު، މި އަހަރު އިމްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިއަހަރުގެ ޖުލައި މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދަށް ބަލާއިރު މިދިޔަ އަހަރަށްވުރެ 16 ޕަސެންޓް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއިން 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މި އަހަރު އެކްސްޕޯޓް ކުރީ 165 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓް އިމްޕޯޓް ދަށަށް ދިޔަ ނަމަވެސް ކަސްޓްމަސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ދެ ޕަސެންޓް ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މިއަހަރުގެ ޖުލައި މަހު އެ އަދަދުވަނީ 287 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 21 ޕަސެންޓެވެ. މިއީ މިދިޔަ މަހަށްވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ.

ދެވަނަ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ސިންގަޕޫރުންނާއި ޗައިނާއިންނެވެ. އެ ދެ ގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 13 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ އިންޑިއާއިންނެވެ. ފަސް ވަނައަށް ގައުމަކީ މެލޭޝިއާއެވެ.

އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓްގެ 18 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމު، ޖަރުމަންވިލާތާއި ފަރެންސޭސްވިލާތެވެ. އެއީ 15 ޕަސެންޓެވެ.

ތިން ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ އިނގިރޭސިވިލާތަށެވެ. ހަތަރު ވަނަ އަކީ އިޓަލީއެވެ.

Leave a comment

Your email address will not be published.