Sun, 23 February, 2020, 3:41 am
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެ ގޮތުގައި 7879 ރުފިޔާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 7879.79 ރުފިޔާ ލިބިއްޖެއެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެއްކޮށް ވަޒީފާ އަދާކޮށްފައިވާ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ލިބޭނެ ކަމަށާއި އެ ފައިސާ އީދު ބަންދުގެ ކުރިން މުވައްޒަފުންނަށް ޖަމާކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްއޭސީއެލް އިން ބުނީ، މިދިޔަ އަހަރު ވަޒީފާ ދިން މުވައްޒަފުން އަދި އެ އަހަރު ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސްދުވަހުން ނުވަތަ އެ އަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައި ވަނީ، ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން ކަމަށެވެ.

ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރި މުވައްޒަފުންނަށް އަހަރީ ބޯނަސް ނުލިބޭނެއެވެ.

އެމްއޭސީއެލް އިން މީގެ ކުރިން އަހަރީ ބޯނަސް ދެނީ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ އެއް މަސްދުވަހުގެ މުސާރައަށްވާ ވަރެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.

Leave a comment

Your email address will not be published.