Sun, 23 February, 2020, 2:40 am
އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް މިއަހަރުވެސް ބީއެމްއެލްއަށް

އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު އެއް ކުންފުނީގެ އެވޯޑް، ވިދިވިދިގެން ތިން ވަނަ ފަހަރަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.

ބީއެމްއެލްއަށް “އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ދީފައިވަނީ އެ އެވޯޑް ދިނުމަށް ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

އެވޯޑް ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެފައިވަނީ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އަޝްރަފާއި އެމްޕްލޯއީ ރިލޭޝަންސް މެނޭޖަރ އާސިޔަތު މުހައްމަދެވެ.

ގައުމީ ބޭންކު، ބީއެމްއެލްއަށް އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ލިބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުންނެވެ.

އެވޯޑް ލިބުމާ ގުޅިގެން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖު ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ، ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔަރުގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިއުމަކީ އެ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި އެ އެވޯޑް ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދުމަށް ބޭންކުގެ ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް އޭނާ ޝުކުރު އަދާކޮށްފައިވެއެވެ.

” އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނަ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން،” ސަހާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްއަކީ ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުން ގެންދާ އެއް ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.

Leave a comment

Your email address will not be published.