މުޙައްމަދު އިބްރާހިމް
30 August 2019
މަޤްބޫލު ޙަބަރު

ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މާދަމާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަހަށްވާއިރު ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ވެއްޖެ ކަމެއް ކަމަށެވެ.

އެގޮތުން އަބްދުﷲ ބުނު އަމްރުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން މީހަކު ސުވާލެއް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ހަދީޡް ކުރެއްވިއެވެ.

“އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ”

ހުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބްރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށެވެ.

އެގޮތުން ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާން ވުމުގެ މަތިވެރި ފިލާވަޅު ކަމަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އައިލާގެ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ވެސް އިސްލާމްދީނުގެ ދިފާއުގައި ޤުރުބާން ކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައި އޮތުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ހިޖުރައިގެ ހާދިސާގައި ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުފާނު ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ފުރިހަމަ ސިއްރިއްޔާތުގައި ތައްޔާރު ކުރައްވަން ފެއްޓެވުމާއި ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދާންމަތިކޮޅުގައި އަވަރާފުޅު ލެއްޕެވުން ހުތުބާގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މައްކައިން ނުކުމެ ވަޑައިގެން ޡައުރު ފަރުބަދައިގެ ހޮހަޅައިގައި އެބޭކަލުން ތިއްބެވިއިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަ ﷲ އަންހާ ކުރެއްވިއިރު އޭރުމައްކާގައި ކަން ހިނގަމުންދިޔަ ގޮތުގެ ހަބަރުތައް ކީރިތި ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲ ކަމީ ހިޖުރައިގެ ކަންކަން ފުރިހަމައަށް ރޭވިފައިވާ ކަމުގެ ފިލާވަޅެއްކަން ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުދަނގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ޡައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު މައްކާގެ މުޝްރިކުންގެ މީހަކަށް އެބޭކަލުން ތިއްބެވި ތަން ފެންނާނެ ކަމަށް އަބޫބަކުރުގެފާނު ރަސޫލާގެ އަރިހުގައި ދެންނެވުމުން އެބޭކަލުންނާއެކު ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާއެކު ވޮޑިގެންވާކަމަށް ހަދީޡް ކުރެއްވި ކަމަށާއި އެ ސާބިތުކަމުގައި ރަސޫލާ ދެމިހުންނެވުމުގެ ސަބަބުން މައްކާގެ މީހުން ބޮޑު އިނާމު ހުށައަޅައިގެން، ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް ﷲ ނާކާމިޔާބު ކުރައްވައި އެކަލޭގެފާނަށް ނަސްރު ދެއްވިކަން ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ކީރިތި ރަސޫލާގެ ހިޖުރައިން ގިނަގުނަ އިބްރަތްތަކެއް ލިބޭއިރު ކަންކަމުގައި ﷲއަށް ވަކީލު ކުރަންޖެހޭ ކަމީ ހިޖުރައިގެ ހަދީޡާއިން ލިބޭ ފިލާވަޅެއް ކަމަށެވެ.

ނަމަވެސް ﷲ އަށް ވަކީލުކުރުމަކީ، އެއްވެސް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުމެއް ނޫން ކަމަށާއި ވަކީލުކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، ﷲގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނޭ ކަމަށް ޔަގީންކޮށްގެން ތިބުން ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©