މުޙައްމަދު އިބްރާހިމް
01 September 2019
މަޤްބޫލު ޙަބަރު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަލީ ހާޝިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިސްތިފާގުންނެވެ. ވޯޓުގެ ކުރިން މާލިއްޔަތު ކޮމެޓީން އަލީ ހާޝިމްއާ އިންޓަވިއު ވެސް ކުރިއެވެ.

އަލީ ހާޝިމް އޭނާ އައްޔަން ކުރުމާމެދު އާންމުންގެ ހިޔާލު ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހުޅުވާލެއްވިއެވެ. އެ ފުރުސަތުގައި އޭނާ ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މީހަކު ހިޔާލެއް ހުށައަޅާފައެއް ނުވެއެވެ.

ހިޔާލެއް ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައި އޮތީ އެ މަގާމަށް އަލީ ހާޝިމް ގާބިލްކަން ފާހަގަކޮށް ހުށަހަޅާފައިވާ ހިޔާލެއް ކަމަށް މާލިއްޔަތު ކޮމިޓީން މައުލޫމާތުދެއެވެ.

ހާޝިމް ގަވަރުނަކަށް އައްޔަން ކުރުމަށް މަޖިލީހުން ހުށަހެޅުމުން، ދެން އެކަމާމެދު ގޮތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން އެ މަގާމު ހުސްވެފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ ވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©