މުޙައްމަދު އިބްރާހިމް
03 September 2019
މަޤްބޫލު ޙަބަރު

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބަދަލުކޮށްފިއެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވިއިރު، ބިލުގައި އޮތީ ޔަޒީދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު އަލުން އެކުލަވާލަންޖެހޭނެ ގޮތަކަށް ނޫނެވެ.

ނަމަވެސް އިގްތިސާދީ ކޮމިޓީން ބިލް ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައި ބުނެފައިވަނީ، ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަންޖެހޭނެ ކަމަށެވެ.

އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހޭނެ ކަމަށް ބުނެފައިވާއިރު ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް ކޮމިޓީން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން އެ މެމްބަރަކީ ފިނޭންސް މިނިސްޓަރު އައްޔަންކުރައްވާ މެމްބަރެކެވެ.

ބޯޑުގައި ދެން ހިމެނޭނީ ރައީސް އައްޔަން ކުރާ ފަސް މެމްބަރުންނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އެކަމަކު އެ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިގްތިސާދީ ކޮމިޓީން ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ބިލް ފާސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެގޮތަށް ފާސް ކުރުމުންނެވެ. ވޯޓަކަށް ދިއުމުގެ ކުރިން ތަޅުމުގައި މެމްބަރުންނަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©