މުޙައްމަދު އިބްރާހިމް
11 September 2019
މަޤްބޫލު ޙަބަރު

އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައިފިއެވެ.

އެމެރިކާ އަށް ސެޕްޓެމްބަރު 11، 2001 ގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެގައުމުގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލަން ފެށި ލިސްޓުގައި ހިމަނާފައިވާ ދިވެއްސަކީ މުހައްމަދު އަމީން ނަމަކަށް ކިޔާ މީހެކެވެ.

އެނގިފައިވާ ގޮތުގައި، އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގެ ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެ މައްސަލާގައި އޭނާ ހައްޔަރު ކުރަން އުޅުމުން ލަންކާއަށް ގޮސް ފިލުމުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.

ނަމަވެސް 2011 ވަނަ އަހަރު ލަންކާއިން އޭނާ ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ. މިހާރު ވެސް އޭނާ މާލެ ތެރޭގައި މިނިވަންކަމާއެކު އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާ އިން ބުނާގޮތުގައި، އޭނާއަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި މަސައްކަތް ކޮށްދޭ މީހެކެވެ. އެގޮތުން ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވި ކަމަށާއި ނަމަވެސް މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް އޯއެފްއޭސީން ބުނެއެވެ.

މީގެ އިތުރުން އަމީން، އައިއެސް މީޑިއާ ގްރޫޕުގެ މުއާމަލާތްތައް ތަރުޖަމާ ކުރުމަށް، މަހަކު 700 އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ބުނެ، ރާއްޖޭގެ މީޑިއާއެއްގައި މަސައްކަތްކުރާ ދިވެއްސަކު އަފްޣާނިސްތާނަށް ފޮނުވަން ހުށަހެޅިކަން އެނގޭ ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާ އިން އިތުރަށް ބުނީ، އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ އަމީން މިދިޔަ އޭޕްރިލް މަހާ ހަމައަށް ވެސް އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން ވަނީ އައިސްފައެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ވެސް ދީނީ ކްލާސްތަކެއްގެ ނަމުގައި މާލޭގައި 10 ވަރަކަށް ރެކްރޫޓްމަންޓް ސެޝަންތައް ކުރިއަށް ގެންދާ ކަމަށާއި އެ ސެޝަންތައް ކުރިއަށް ގެންދަނީ މާލޭގެ އެކި ތަންތަނުގެ އިތުރުން އަމީންގެ ގޭގައި ކަމަށް ވެސް އޯއެފްއޭސީން ބުނެއެވެ.

އަދި ބުނެފައިވަނީ، އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށާއި އައިއެސް އަށް ރެކްރޫޓު ކުރަނީ ގޭންގުތަކުގެ މީހުން ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އެމެރިކާއިން މިފަހަރު އެކުލަވާލި ލިސްޓުގައި ހަނގުރާމަވެރި ޖަމާއަތްތަކާއި ގްރޫޕުތަކަށް ގުޅުން އޮންނަ އަދި އެފަދަ ޖަމާއަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ 15 ފަރާތެއްގެ މައުލޫމާތު ހާމަކޮށް، އެ ފަރާތްތަކާމެދު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©