މުޙައްމަދު އިބްރާހިމް
11 September 2019
މަޤްބޫލު ޙަބަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރު ވާންގް ޔީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ، ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފަހުން މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބް ރައީސް ވަންގް ގީޝާންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.

އަދި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ އާއެކު ރާއްޖެ އާއި ޗައިނާގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާއަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެއް ކަމުން،  ރާއްޖެ އިން ދަމަހައްޓަމުން އަންނަ “ވަން ޗައިނާ” ޕޮލިސީ ހިފަހައްޓާނެ ކަމަށެވެ.

އަދި އެ ގައުމުގެ “ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް” ގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިމަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ އޮތް ގާތް ގުޅުން ހީނަރުވެ މި ސަރުކާރުން ވަނީ އަވަށްޓެރި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ، ޗައިނާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ދަރަނިވެރި ކުރުވާފައިވާ ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ، ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ލޯނު އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާ ކުރުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©