Thu, 9 April, 2020, 12:41 am
17 ތަނަކާއި 11 މީހުން ބަލައި ފާސްކޮށް އޮޕަރޭޝަން ނިންމާލައިފި

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ފުލުހުން އިއްޔެ ފެށި އޮޕަރޭޝަން ނިންމާލައިފިއެވެ.

މަރުތައް ބަލާ ކޮމިޝަންގެ އެދުމަށް އެ ކޮމިޝަނުން ހޯދި ކޯޓް އަމުރަކާ އެއްގޮތަށް ފުލުހުންގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި މާލެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑުން ބައިވެރިވިއެވެ.

އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިއަދު ބުނީ، މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ ބޭނުމަށް އެ ކޮމިޝަނުން ހޯދާފައިވާ ކޯޓް އަމުރުތަކުގެ ދަށުން މިހާތަނަށް މާލެ އާއި އައްޑޫ ސިޓީގެ 17 ތަނަކާއި އަދި 11 މީހުން ބަލައި ފާސް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

“އެ ކޮމިޝަނުން މި ސާވިސް އަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓް އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ، ފުލުހުން އިއްޔެ އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައި،” ފުލުހުން މީޑިއާއަށް ބުނެފައިވެއެވެ.

މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއެކު ހިންގި އޮޕަރޭޝަން ނިންމާލާފައިވާއިރު، ފުލުހުން ހިންގި އޮޕަރޭޝަނަށް އެހީތެރިވެދިނުމަށް ހަތިޔާރާއެކު ރެއިން ފެށިގެން މާލޭގެ މަގުތަކުގައި ސިފައިން ވެސް ދިޔައީ ފޯރިމަރަމުންނެވެ.

Leave a comment

Your email address will not be published.