މުޙައްމަދު އިބްރާހިމް
11 September 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރު ގައުމުތަކާއި ރިސޯޓްތަކާއި ސިނާއީ ރަށްރަށުގެ އިތުރުން ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ގޮތް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ.

އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަންނަ އަހަރު ބައްވާ ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރު ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނީ އެ ގައުމަކުން ވޯޓްލާން އެދި މަދުވެގެން 150 މީހުން ރަޖިސްޓްރީ ކޮށްފިނަމަ ކަމަށެވެ.

އަދި ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި ވޯޓް ފޮޮށި ބަހައްޓާނީ އެތަނަކުން މަދުވެގެން 50 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށާއި ޖަލުގައި ވޯޓު ފޮށި ބަހައްޓޭނީ އެ ޖަލަކުން 25 މީހުންނަށްވުރެ އިތުރަށް ރަޖިސްޓްރީވެއްޖެ ނަމަ ކަމަށް އީސީން ބުނެއެވެ.

އީސީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއްގައެވެ.

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. ނަމަވެސް ސީދާ ތާރީހެއް އަދި އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބަކީ ވަރަށް އޮޅުންބޮޅުން ތަކެއް ބޮޑުވާނެ އިންތިހާބެއް ކަމުން މިފަހަރު އިންތިހާބުގެ ކަންކަން ފަސޭހަ ކުރުމަށް ފިޔަވަޅުތަކެއް އަޅާނެއެވެ.

އެގޮތުން ކޮންމެ ވޯޓު ފޮއްޓަކަށް ވެސް އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 700 ކަމަށް ހެދުމަށް ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށާއި އެ ބަދަލު ގެނައުމުން ވޭތުވެދިޔަ އިންތިހާބާ އަޅާ ބަލާއިރު 178 ފޮށި އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©