މުޙައްމަދު އިބްރާހިމް
11 September 2019
މަޤްބޫލު ޙަބަރު

ފުލުހުންނާއި ސިފައިންނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ދައްކަވަމުން ގެންދަވަނީ “ހަޑިހުތުރު ވާހަކަ” ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެމްބަރުންތަކެއް ގުޅުމަށް ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މިފަހަކަށް އައިސް ވަކި ބަޔަކު ފުލުހުންނާ ގުޅުވައިގެން ޖެއްސުމާ މަލާމާތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކުރުމަށް ތިބޭ ސިފައިންނާއި ފުލުހުންނާމެދުގައި އެއްޗެހި ކިޔައިގެން ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން ކަމަށެވެ.

“ދާދި ފަހަކުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ސިފައިން ފުލުހުންގެ އެއްބާރުލުން ނުލިބޭ ވާހަކަ. ސިފައިންގެ ކޮންމެވެސް ބަޔަކު ފާރަލަމުންދާ ވާހަކަ. މިހުރީ ހަޑިހުތުރު ވާހަކަ އެހެެންނޫންތޯ ދައްކަން. އެއްގޮތަކަށް ވެސް ސިފައިންނާއި ފުލުހުންނާއި ޝަރުއީ ކޯޓްތަކާ ބެހޭގޮތުން ދައްކާ ހަޑިހުތުރު ވާހަަކަތަކުގެ ސަބަބުން މަސްލަހަތު ގެއްލިގެން ގޮސް ހަމަނުޖެހުމަކަށް ގޮސްދާނެ ގޮތަކަށް ކަންތައް ކޮށްގެން ނުވާނެ،” ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުއައްސަސާތަކުގައި ތިއްބެވި ވެރިންނާ ދިމާލަށް “އެއްޗެހި” ކިޔުމުގެ ބަދަލުގައި ހަރުދަނާ އުސޫލެއްގެ މަތިން އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހު ކުރުން އެއީ މުހިންމު ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©