މުޙައްމަދު އިބްރާހިމް
14 September 2019
މަޤްބޫލު ޙަބަރު

ސައިރިކްސް ކޮލެޖުން އައްޑޫގައި ގާއިމްކުރަން ނިންމާފައިވާ ޝްރިމްޕް (ޑިނގާ) ފާމުގެ ދިރާސާތައް ހެދުމަށް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ތައިލެންޑްގެ އަވަށެއްގައި ހިންގާ ޑިނގާ ފާމްތަކާ އެއްގޮތަށް އައްޑޫގެ ހުޅުމީދޫގައި ތަރައްގީކުރާ ޑިނގާ ފާމަކީ ސައިރިކްސް ކޮލެޖުގެ އިޖްތިމާއީ ޒިންމާގެ ދަށުން އައްޑޫގެ ޖަމިއްޔާތަކާ ގުޅިގެން ހިންގާ މަޝްރޫއެކެވެ.

އަދި އެކަމުގެ ދިރާސާތައް ކުރުމަށް ތަޖުރިބާކާރަކު ރާއްޖެ ގެނެސް، އޭނާގެ ދިރާސާއަށްފަހު އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ސައިރިކްސް އިން މީގެ ކުރިން ބުނެފައިވެއެވެ.

ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިނގާ ފާމުގެ ދިރާސާކުރުމަށް އައްޑޫއަށްދާ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި މާދަމާ އެ ގުރޫޕުން ހުޅުދޫއަށް ދާނެ ކަމަށެވެ.

އަދި މާދަމާ ރޭ ހުޅުދޫގައި އައްޑޫ ސިޓީން ބާއްވާ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޝަރީފު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އައްޑޫގައި ޝްރިމްޕް ފާމެއް ހަަދަން ހުޅުމީދު އަކީ މިކަން ކުރެވިދާނެ ތަނެއް ކަމަށާއި އެގޮތުން ކުޅީގައި މިކަން ކުރެވިދާނެ ކަމަށެވެ.

އަދި އައްޑޫގައި ޑިނގާ ފާމަކީ ކާމިޔާބު މަސައްކަތަކަށް ވެސް ހެދިދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިސްޓް ރިސޯޓުތަކަށް އަދި ރެސްޓޯރެންޓުތަކަށް ސަޕްލައި ކުރެވިދާނެ. އޭގެ އިތުރުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ވެސް ކުރެވިދާނެ ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©