Wed, 3 June, 2020, 6:33 pm
މޯލްޑިވިއަންއިން ހަނިމާދޫން ކޮޗިންއަށް ހަފްތާއަކު ތިން ދުވަހު ދަތުރުކުރާނެ
2

ގައުމީ އެއާލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފަށާ ސީދާ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އެކަން އިއުލާންކުރެއްވީ ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެނިފާ ވިދާޅުވީ، ހަނިމާދޫ އާއި ކޮޗިންއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށާނީ އަންނަ މަހުގެ 28 ގައި ކަމަށެވެ.

އަދި އަލަށް ފަށާ މި ރޫޓާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ބޭނުން އިންޑިއާގެ ފަތުރުވެރިން ރާއްޖެއައިސް ރީތި ދޮންވެލި ގޮނޑުފޮށާއި، ވިލުނޫކުލައިގެ މޫދާއި މި ހޫނުކަން އިހްސާސްކުރަން. މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެ ބަލާލެވޭނެ،” ޖެނިފާ ވިދާޅުވިއެވެ.

މިހާރުވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާ މޯލްޑިވިއަން އިން ބުނީ ކޮޗިން އަށް ދަތުރުތައް ފަށަން ތައްޔާރުވާން ފެށީ މިއަހަރުގެ ޖުލައި މަހުގައެވެ.

ކޮޗިންއަށް އަންނަ މަހުގެ ފަހުކޮޅު ދަތުރުތައް ފަށަން ނިންމާފައިވާއިރު، މޯލްޑިވިއަން އިން ދަނީ އިންޑިއާގެ އެހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެއާލައިނުން މީގެ ކުރިން ބުނެފައިވެއެވެ.

އިންޑިއާގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯއަށް ވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސއްކަތް ކުރަމުންނެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ދަތުރުކުރެ އެވެ. މީގެ ތެރޭގައި ބެންކޮކް، ޗެންނާއީ، ޑާކާ، ހުވާން ހިމެނެއެވެ.

Leave a comment

Your email address will not be published.