މުޙައްމަދު އިބްރާހިމް
17 September 2019
މަޤްބޫލު ޙަބަރު

ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރު މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެ ޓާސްކް ފޯހަކީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން އުފައްދަން ނިންމެވި ޓާސްކު ފޯހެކެވެ.

ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރައްވަން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް އިކޮނޮމިކް މިނިސްޓަރު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އެގޮތުން އެ ސިޔާސަތުގެ ދަށުން “ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް”ގެ ނަމުގައި އުފައްދަވަން ނިންމެވި ޓާސްކު ފޯހުގެ ބޭނުމަކީ ގާނޫނާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި ރާއްޖޭގައި ގެންގުޅުމާއި ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމްކުރުމަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސް ކުރުމެވެ.

މީގެ އިތުރުން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލު އަލުން އެކަށައެޅުމަށް ވެސް ރައީސް މިއަދު ވަނީ ނިންމައިފައެވެ.

އަދި އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމައި މިހާރުގެ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ވެސް ކެބިނެޓްގެ ލަފާގެ މަތިން ރައީސް ނިންމެވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©