Thu, 28 May, 2020, 9:00 am
ކުދިންގެ ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ކުރުވުމަށް ހުތުބާގައި ގޮވާލައިފި
400

މިއުއްމަތުގެ ޅަދަރީންނާއި ޒުވާނުން ތަރުބިއްޔަތުކޮށް ހާނުވަންވީ ރަސޫލާﷲ صلى الله عليه وسلم ގެ ނަމޫނާގެ މައްޗަށް ކަމަށާއި އެކުދިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ހަދަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ދަރިންނަށް މަސައްކަތް ދަސްކޮށްދީ. މުޖުތަމައުގެ މަސައްކަތުގައި ބައިވެރިކުރުވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމްދީން ގޮވާލަނީ މަސައްކަތްނުކޮށް ކަންނެތްވެފައި ނުތިބެ، މަސައްކަތްކޮށްގެން ތިމާގެ ދިރިއުޅުން ބިނާކުރުމަށް ކަމަށެވެ.

އަދި އެކަމަށް ބާރު އަޅުއްވާ ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އިންސާނާ ކައިފި އެންމެ ހަލާލުވެގެންވާ އެއްޗަކީ، އޭނާގެ މަސައްކަތުން ހޯދައިގެންފި އެއްޗެކެވެ،”

ކީރިތި ރަސޫލާއަކީ ހުރިހާ ގޮތަކުން ވެސް މާތް ﷲ އަޅަމެންނަށް ދެއްކެވި އެންމެ ފުރިހަމަ ނަމޫނާކަން އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، އެކަލޭގެފާނު ތުއްޕުޅު އިރުން ފެށިގެން މަސައްކަތްޕުޅު ކުރައްވައި، ގޭތެރޭގެ ބައެއް މަސައްކަތްތަކާއި އަމިއްލަފުޅު ޝަހްސީ ބައެއް މަސައްކަތްޕުޅުތަކުގެ އިތުރުން ޖަމާއީ ނުވަތަ ގައުމީ މަސައްކަތްތަކުގައި ވެސް އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން ރަސޫލާﷲ صلى الله عليه وسلم މަސްޖިއްދުއްނަބަވީ ބިނާކުރެއްވުމުގައި ހިލަ އާއި ވެލި އުފެއްލެވުން ފަދަ ކަންކަމުގައާއި އަހްޒާބު ހަނގުރާމަ ފެށުމުގެ ކުރިން ހަންދަގު ކޮނުމުގެ މަސައްކަތުގައި ވެސް އެހެން މުސްލިމުންނެކޭ އެއްފަދައިން އެކަލޭގެފާނު އަމަލީ ގޮތުން މަސައްކަތްކުރެއްވި ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިއުއްމަތުގެ ޅަދަރީންނާއި ޒުވާނުން ތަރުބިއްޔަތުކޮށް ހާނުވަންވީ ކީރިތި ރަސޫލާގެ ނަމޫނާގެ މައްޗަށް ކަމަށާއި އެކުދިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ހަދަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އަމިއްލައަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ އާއި ގޭތެރޭގައާއި މުޖުތަމައުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫހު އަށަގަންނުވަން ޖެހޭނެ ކަމަށާއި ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަދީގެން ނުވާނެ ކަމަށެވެ.

މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ވިދާޅުވީ، ތިމާކުރާ ކޮންމެ ކަމެއް ވެސް ކުރަންވާނީ ވީއެންމެ ރަނގަޅަކަށް އެކަމެއް ކުރަންއޮތް އެންމެ ފުރިހަމަ ގޮތުގައި ކަަމަށާއި އޭރުން އެމީހަކުދެކެ ﷲ ލޯބިވެވޮޑިގެންވެ، މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

ނަމަވެސް މިއަދުގެ މުޖުތަމައުގެ ތެރެއިން ގިނައިން ފެންނަމުންދަނީ އެއާ ހިލާފު ގޮތްތަކެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، މިއަދު ފެންނަމުންދަނީ ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއްނެތި ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް އެ މަސައްކަތެއް ކުރުމުގެ ސަބަބުން ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބެމުންދާތަން ކަމަށެވެ.

“މިއީ ކީރިތި ރަސޫލާﷲ صلى الله عليه وسلم އަށް ތަބާވެގެންވާ މުސްލިމް މުޖުތަމައެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫނެވެ. މިކަމުގެ ސަބަބުން އެންމެންނަށް ވެސް ލިބޭނީ، ގެއްލުމާއި ހަލާކެވެ. މިހެންކަމުން، މަކަރާއި ހީލަތެއް ނެތި، ތެދުވެރިކަމާއެކު އެންމެންވެސް މަސައްކަތް ކުރާށެވެ!،” ހުތުބާގައި ނަސޭހަތްތެރިވެ ގޮވާލައްވައިފައިވެއެވެ.

އަދި ގައުމެއް ތަރައްގީވެ ކުރިއަރައިގެންދާނީ ގައުމެއްގެ ދަރީންނަކީ ގޯތިގެދޮރުގެ މަސައްކަތާއި އަމިއްލަ މަސައްކަތްތަކުން ފެށިގެން ގައުމީ ފެންވަރުގެ އެންމެހައި މަސައްކަތްތަކަށް ދާންދެން، ކުރަން ފަސްނުޖެހޭ މަސައްކަތްތެރިކަމުގެ އަހުލާގާއި އެންމެހައި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކު ކަމުގައި ވެގެންކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އިންސާފުން ބިނާކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން އެކަމުގެ މައްޗަށް ސަމާލުކަން ދޭންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން އިސްލާމީ ގިއުގަނޑެއްގެ ތެރޭގައި ތަރުބިއްޔަތުދީ، މަސައްކަތްތެރިކަމުގެ ޝައުގުވެރިކަން އެކުދިންގެ ހިތްތަކުގައި އުއްދައި އިޖްތިމާއީ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުމުގެ ރޫހު، އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.