މުޙައްމަދު އިބްރާހިމް
27 September 2019
މަޤްބޫލު ޙަބަރު

ލ.މާމެންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މާމެންދޫ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

ސެންޓިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 5.29 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ތިން މަސް ދުވަހުގެ ތެރޭގައެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއީ މިއަހަރުގެ ތެރޭގައި އެ ކުންފުނިން އަޅަން ފަށާ 18 ވަނަ އިންޖީނުގެއެވެ.

ފެނަކަ ކޯޕަރޭޝަނުން އެންމެ ފަހުން އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ފ. ބިލެއްދޫގައެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، މިއަހަރުގެ ތެރޭގައި 30 ރަށެއްގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސަތޭކަ 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް ފަންސާސް ތިން ޖެނަރޭޓަރުވަނީ ރަށްރަށަށް ފޮނުވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©