މުޙައްމަދު އިބްރާހިމް
27 September 2019
މަޤްބޫލު ޙަބަރު

ދިވެހިންނަށް ވަޒީފާ ހޯދުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަންނަ މަހުގެ ތެރޭގައި ޖޮބް ޕޯޓަލް ލޯންޗްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވަދެވޭ މި ޕޯޓަލްގެ ސަބަބުން ވަޒީފާ ހޯދުމުގައި މިހާރު ދިމާވެގެންއުޅޭ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މި އެޕްލިކޭޝަން ލޯންޗް ކުރުމުން ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ އެންމެންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ދިވެހިންގެ ތެރޭގައި ވަޒީފާ ބޭނުންވާ ބައެއް ތިބިކަން ޔަގީންކުރާނީ އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުންނެވެ.

އޭގެ އިތުރުން ބޭރުގެ ފަރާތެއް ވަޒީފާއަށް ގެންނަން ބޭނުންނަމަ ވެސް ވަޒީފާދޭ ފަރާތުން އެ ޕޯޓަލްގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ.

“…ބޭރުގެ މަސައްކަތްތެރިން ގެނައުމަށް ފުރަތަމަ ވަޒީފާދޭ ފަރާތްތަކުން ޖެހޭނީ އެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވާން. އެ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ފަހުގައި އެ ވަޒީފާއަށް އެކަށޭނެ ދިވެއްސަކު ނެތިއްޔާ ބޭރުގެ ފަރާތަކަށް އަޅުގަނޑުމެން ކޯޓާ ދޭނީ،” މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީފާގެ މާހައުލުގައި ދިވެހިންނަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ސިޔާސަތުތައް ރޭވިފައިވާ ގޮތުންނާއި ދިވެހިންގެ ތެރޭގައި ހުނަރު ނެތުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށެވެ.

އެގޮތުން މިކަން ހައްލުކުރުމަށް ސިޔާސަތުތައް މުރާޖާކޮށް، ސްކިލް ޑިވެލޮޕްމަންޓް ސެންޓަރުތައް މެދުވެރިކޮށް ދިވެހިންނަކީ ހުނަރުހުރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ފަތުރުވެރިކަމުގެ މެދުފަންތީގެ ވަޒީފާތަކާއި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެނައުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©