Sun, 23 February, 2020, 4:13 pm
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް އަދި އާމްދަނީ ވެސް ދަށަށް

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު އަދި ލިބުނު އާމްދަނީ ވެސް ދަށަށް ހިނގައްޖެއެވެ.

އޮގަަސްޓް މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ދަށަށް ދިޔައިރު، މިއީ އިމްޕޯޓާއި އެކްސްޕޯޓް ދަށްވި، ޖެހިޖެހިގެން ތިން ވަނަ މަހެވެ. މިދިޔަ ޖޫން އަދި ޖުލައި މަހު ވެސް ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ވަނީ ދަށްވެފައެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި އޮގަސްޓް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓްކުރި އަދަދު ވަނީ 22 ޕަސެންޓް ދަށްވެފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއިން 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، މިއަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 3.3 ބިލިއަން ރުފިޔާ ދަށްވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ ސިންގަޕޫރާއި ޗައިނާ އަދި ޔޫއޭއީއެވެ.

އެގޮތުން ސިންގަޕޫރުން 465 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، ޔޫއޭއީން 460 މިލިއަން އަދި ޗައިނާއިން 453 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެއަށް ވަނީ އިމްޕޯޓް ކޮށްފައެވެ.

ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރި އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުވަނީ 22 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު 258 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މިއަހަރު އެ އަދަދު ވަނީ 255 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ އެމެރިކާއަށެވެ. އެއީ ޖުމްލަ 23 ޕަސެންޓެވެ. މިދިޔަ ޖުލައި މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ތައިލެންޑް މިދިޔަ މަހު އޮތީ ފަސް ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ގައުމުގެ ގޮތުގައެވެ.

ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ އިނގިރޭސިވިލާތަށެވެ. އެގައުމަށް ޖުމްލަ 14 ޕަސެންޓްގެ މުދާ އެކްސްޕޯޓްކުރިއިރު، ތިން ވަނަ އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ފަރަންސޭސިލާތަށް އެކްސްޕޯޓްކުރީ 13 ޕަސެންޓް މުދަލެވެ.

އެކްސްޕޯޓާއި އިމްޕޯޓާ ދަށަށް ދިޔައިރު، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން ދަށްވެފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 301 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު ވަނީ 262 ދަށަށް ގޮސްފައެވެ. މިއީ 13 ޕަސެންޓްގެ ދަށްވުމެކެވެ.

Leave a comment

Your email address will not be published.