މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ ވެރިޔާ، ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްއާ އެމަނިކުފާނުގެ ޑެލިގޭޝަނުން ރާއްޖެއަށް ޒިޔާރަތްކުރެއްވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރައްވައިފައެވެ.

އަދި މި ބައްދަލުވުމުގައި ދެ ގައުމުން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން ފާހަގަކުރައްވައިފައެވެ.

އަދި ހާއްސަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ޒައާމަތުގައި ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ވެފައިވާ ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އޭގެ ހެއްކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވައި، ހާއްސަކޮށް ދިފާއީ ކަންކަމާއި ސަލާމަތީ ކަންކަމުގައި އިންޑިއާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ ރާއްޖެ ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ބައްދަލުކުރައްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©