މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް، މަރުތަކުގެ މައްސަލަތައް ތަހުގީގުކުރާ  ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައި، ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދިނުމުންނެވެ. އެ މަރަށް ހަތް އަހަރު ވެގެން ދިޔައިރުވެސް، އަދިވެސް އިންސާފު ލިބިފައެއް ނުވެއެވެ.

ނަމަވެސް އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ސުއޫދު މިއަދު ވިދާޅެފައި މިވަނީ، މިހާތަނަށް ހިންގީ ނަތީޖާއެއް ނެތް ތަހުގީގުތަކެއް ކަމަށް “މިހާރު” އަށް ދިން އިންޓަވިއުއެއްގައި އަފްރާޝީމްގެ ބޭބެ އަބްދުއްނާސިރު އަލީ ބުނެފައިވާތީއެވެ.

އަބްދުއްނާސިރު ވިދާޅުވި ގޮތުގައި، އަފްރާޝީމް އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަން އާއްމު ކުރިއިރު އެއީ ކޮން ބައެއްތޯ މިހާތަނަށް ހޯދިފައި ނުވުމަކީ ކަންބޮޑުވުމެކެވެ. އަދި އެ ތަހުގީގުން ވެސް އިންސާފަށް ވާސިލްވުން އޮތީ ދުރުގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެފައިވެއެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލުމުގެ ރަހުމުކުޑަ އަމަލު ހިންގުމުގައި ބައިވެރި މީހުންނާއި އެކަން ރޭވި މީހުންގެ ތަފްސީލުތައް ކުރިއަށް އޮތް ހަފްތާތަކެއްގެ ތެރޭގައި ހާމަކުރެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ސުއޫދު މިހެން ވިދާޅުވިއިރު، މަރުތައް ތަހުގީގުކުރާ ކޮމިޝަނުން މީގެ ކުރިން ވަނީ، އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދައި، އެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©