މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

ރައީސް މައުމޫން ފެއްޓެވި އިސްލާހީ ހަރަކާތް، މައުމޫން ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މައުމޫން ނިންމެވީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެގޮތުން އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށެވެ. ނަމަވެސް ފަހުން އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ދޫކުރިއެވެ.

އެއާއެކު އެމްއާރުއެމް އުފެއްދުމަށް ބޭނުންވާ މެމްބަރުން ހަމަކޮށް މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ އީސީއަށް ހުށަހެޅިއެވެ.

އެ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އީސީން މިއަދު ވަނީ އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިންކަމުގެ ލިޔުން ޔުމްނާ މައުމޫނާ ހަވާލުކޮށްފައެވެ. އެ ލިޔުން ޔުމްނާއާ ހަވާލުކޮށްދެއްވީ އީސީގެ ރައީސް، އަހުމަދު ޝަރީފެވެ.

ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޔުމްނާއަށް ދިނުމާއެކު، މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު އޮންނަ ގޮތުން ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށް ދޭނީ ޕާޓީ އުފެއްދުމުގެ ޖަލްސާގައި 300 މީހުން މަދުވެގެން ބައިވެރިވެ، އެ ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުން އެޕާޓީ ވެގެންދާނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީއަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©