މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ފަސޭހަފުޅު ވަގުތެއްގައި ގުދުސަށް ޒިޔާރަތެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު އަރުވައިފިއެވެ.

ރައީސް ސޯލިހަށް މިއަދު ދައުވަތު އެރުވީ، އެމަނިކުފާނުގެ އަރިހަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްގެ ހާއްސަ މަންދޫބު، ޕްރެޒިޑެންޓް އެޑްވައިޒާ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސުޕްރީމް ޖަޖް އޮފް ޝަރީއާ ކޯޓްސް، ޑރ. މަހުމޫދު އަލް ހައްބާޝް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބިބައްދަލުވުމުގައި ހާއްސަ މަންދޫބު ޑރ. މަހުމޫދު އަލް ހައްބާޝް ވަނީ ފަަލަސްތީންގެ ރައީސްގެ ހާއްސަ ސިޓީފުޅެއް ރައީސްއަށް އަރުވައިފައެވެ.

މި ބައްދަލުވުމުގައި ހާއްސަ މަންދޫބު ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގައި ކުރެއްވި ތަގުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމްކުރުމުގެ ވިސްނުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

އަދި ފަލަސްތީން ދައުލަތެއް ގާއިމްކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއް ކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައިވަނީ މި އަސާސްގެ މައްޗަށްކަން ހާއްސަ މަންދޫބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ މަންދޫބު ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގެދޮރު ބިނާކުރުމަށް އިސްރާއީލުން މިހާރު ހިނގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. އަދި މިކަންތައްތަކަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް އޮތް ހުރަހެއްކަން މަންދޫބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމާއި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަގީންކަން ފަލަސްތީނުގެ މަންދޫބަށް ދެއްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©