މުޙައްމަދު އިބްރާހިމް
02 October 2019
މަޤްބޫލު ޙަބަރު

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށްހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ލުތުފީ ފިލީ ޖެނުއަރީ 16، 2010 ގައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށްފަހު ލުތުފީ ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވެފައެވެ.

ނަމަވެސް އޭނާ އަނބުރާ ރާއްޖެ ގެނެސްފައިވަނީ އޭގެ ގާތްގަނޑަކަށް ދެ ވަރަކަށް މަސް ފަހުންނެވެ. ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ލުތުފީ މިހާރު ހުރީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައެވެ.

ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އިމްރާން މަޖިލީހަށް ހާޒިރުވެ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެކެވެ.

ނަމަވެސް ފުލުހުން ވަނީ، އޭނާ ފިލައިގެންދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލުތުފީ ފިލި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ލުތުފީ ފިލި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

ނަމަވެސް ފޮނުވި ތާރީހެއް ވިދާޅެއް ނުވެއެވެ.

ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާއެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށްހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ.

މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©