• Wed, 8 July, 2020, 3:25 pm

  މަޖިލީހާއި ޝަރުއީ ދާއިރާއަށް ރައީސް: ވައުދުތައް ފުއްދުމުގައި ފަސްޖެހި ވަޑައިނުގަންނަވާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދައި ދިނުމުގައި ފަސްޖެހި ވަޑައިނުގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

  ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީގެ މިސްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހް ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ރަނގަޅަށް ކަންތައްތައް ތަންފީޒު ކުރެވޭނީ ސަރުކާރުން އެކަނި ނޫންކަމަށެވެ.

  އަދި އެކަމުގައި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އިން ވެސް ކަންތައްތަކެއް ކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

  “އަނެއްކާވެސް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން އެންމެން އެކުގައި މިވީ ވައުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހި ވަޑައިނުގަތް އަޅުގަނޑުމެންނާއެކީގައި ކުރިއަށް ވަޑައިގަންނަވާށޭ،” ރައީސް ވިދާޅުވިއެވެ.

  އެމަނިކުފާނު ވިދާޅުވީ، މީގެ އެއް އަހަރު ކުރިއަށް ޖެހިލާއިރު ރާއްޖޭގެ ހާލަތު އޮތް ގޮތުން، ސަރުކާރު ކޯލިޝަންގެ ލީޑަރުންނާއި އެތައް ބައިވެރިންނެއް ތިއްބެވީ ނުހައްގު ޖަލު ހުކުމްތަކެއް އައިސްގެން ރާއްޖެއަށް ނާދެވޭ ހާލަތުގައި ނުވަތަ ޖަލުގައި ދުވަސްތައް ގުނަން ކަމަށެވެ.

  އަދި އެދުވަހަކީ އެކަންތައްތައް ބަދަލުކުރަން ނުކުތް ދުވަސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިންތިހާބުގައި ވޯޓުދީ ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ވީ ވައުދުތަކުން ކަމަށެވެ.

  އެއީ ފަހުރުވެރި އާއިލާ، ހެޔޮވެރިކަން، ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު، ނޫ އިގްތިސާދު ގެނެސްދޭން ވީ ވައުދުތައް ކަމަށާއި މިއަދު ސަރުކާރުގެ ވާޖިބަކީ އެކަންތައްތައް އަމަލީގޮތުން ތަންފީޒު ކުރުން ކަމަށެވެ.

  އަދި ވެރިކަމާ ހަވާލުވުމާއެކީގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ކުރަންހުރި މަސައްކަތް އަދިވެސް ވަރަށް ގިނަކަން ރައީސް ފާހަގަކުރެއްވިއެވެ.

  ރައީސް މިއަދު އިފްތިތާހް ކޮށްދެއްވި 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތަރައްގީގެ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވިގެންވާ ޕްލޭނަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާއި އެކިއެކި ދާއިރާތަކުން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެގެންވާ ޕްލޭނެކެވެ.

  ރައީސް އޮފީހުން ބުނީ، ތަރުތީބުކުރެވި، ތާރީހުޖެހި، ނަމްބަރުޖެހި، މުއްދަތު ޖެހި، ދެލިކުރެވި އަދި މަޝްވަރާ ހޯދިގެން ތައްޔާރުކޮށްފައިވާ މި ޕްލޭންގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގައި އިސްކަންދޭ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމާއި އޭގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުން ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.