މުޙައްމަދު އިބްރާހިމް
03 October 2019
މަޤްބޫލު ޙަބަރު

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ މިދިޔަ މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނުގައި ރޯވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ހާދިސާގައި އެކަކު މަރުވެ، 700 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

އޭގެ ތެރެއިން 100 އެއްހާ މީހުންނަށް އަދިވެސް ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީން ދަނީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

އެ މީހުންނަށް އެހީވުމަށް ފެނަކައިގެ މުވައްޒަފުން އެއްކުރި ފައިސާ، ރަމްޒީކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި އެކަމަށްޓަކާ ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

ފެނަކަ ކުންފުނީގެ އިސްބޭފުޅުންނާއި ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެން އެ ހަފްލާގައި ފައިސާގެ ރަމްޒީ ޗެކް، މިނިސްޓަރާ ހަވާލުކޮށްދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި މީހުން ދިރިނޫޅެވޭ ވަރަށް ހަ ގެއަކަށް ގެއްލުން ލިބިފައިވާއިރު، ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތުކުރަންޖެހޭ ހަ ގެއެއް ހިމެނެއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެންއޭ އިންވަނީ، ބޭންކް އޮފް މޯލްޑިވްސްގައި ރިލީފް ފަންޑެއްވެސް ހުޅުވައިފައެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުޅުވި އެ އެކައުންޓަށް ސަރުކާރުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުން ފައިސާ ޖަމާކުރަމުންދާއިރު، އިއްޔެގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ފަޔާ ރިލީފް އެކައުންޓަށް 1.4 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©