މުޙައްމަދު އިބްރާހިމް
03 October 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށިކަން އޮތް މިންވަރާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ގިނަ ވާހަކަތަކެއް ހުރުމުން އެކަމަށް މާފަށް އެދި، އެ ޖަމިއްޔާއިން އެ ރިޕޯޓު އަނބުރާ ގެންގޮސްފިއެވެ.

(އެމްޑީއެން އިން ނެރުނު “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓަކީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް އާންމުކުރި ރިޕޯޓެެކެވެ.

ނަމަވެސް އެ ރިޕޯޓުގައި އިސްލާމްދީން އަދި ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމާ ހިލާފަށް ބައެއް ވާހަކަތައް ލިޔުމުން އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އެ މައްސަލަ ފުލުހުން ވެސް ބަލަން ފަށާފައިވާއިރު، އެމްޑީއެން އިން ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވަ އާއި ވާހަކަތައް ގެނެވިފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އާއްމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަންނަ ކަމަށް ބުނެ، އެކަމަށް މާފަށް އެދިފައިވެއެވެ.

“އެހެންވެ، ރިޕޯޓު ވަގުތީ ގޮތުން އަނބުރާ ގެނެސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،” ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އިން ބުނީ އެ ޖަމިއްޔާއަކީ އިސްލާމްދީނަށާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހްތިރާމްކުރާ ޖަމިއްޔާއެއް ކަމަށެވެ. އަދި މީގެފަހުން އެ ޖަމިއްޔާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓާ ގުޅިގެން، އެ ޖަމިއްޔާގެ މެމްބަރުންނާއި މުވައްޒަފުންނަށް ފުރައްސާރަކޮށް، ފުރާނައަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށާއި އެކަމަކު އޭގައި ޒިންމާދާރު ގޮތަކީ ގޯހެއް ހެދިފައިވާނަމަ، އެކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވުން ކަމުގައި ބުންޏެވެ.

“މިއީ އިސްލާމްދީނުގެ ރިވެތި އުސޫލުކަމުގައި އަޅުގަނޑުމެން ނުދެކެވެ. ރިޕޯޓާމެދު އުފެދުނު ހިތްހަމަނުޖެހުން ސުލްހަވެރިކަމާއެކު ހިއްސާކޮށް، ގޯހެއް ހެދިފައިވާނަމަ އެކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމަކީ ޒިންމާދާރު ގޮތް ކަމުގައި ދެކެ، އެގޮތަށް އަމަލުތައް ބެހެއްޓުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،” އެމްޑީއެންގެ ބަޔާނުގައިވެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކައަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައިވުމެވެ.

ރިޕޯޓާ ގުޅިގެން ފުލުހުން ބުނީ، އެމްޑީއެންގެ މީހުން ހިމެނޭ ގޮތުން ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެ މީހުންގެ މައުލޫމާތު ހިމަނައި އެއީ އިސްލާމްދީން ނައްތައިލަން މަސައްކަތްކުރާ ބައެއް ކަަމަށް ބުނެ އެ މީހުންނާމެދު ނަފްރަތު އުފައްދަން މަސަައްކަތް ކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©