Thu, 4 June, 2020, 12:22 am
މޯލްޑިވް ގޭހަށް 20 އަހަރު: އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް
2

މޯލްޑިވް ގޭސްގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދޭން އެ ކުންފުނިން ނިންމައި މިއަދު އެކަން އިއުލާނުކޮށްފިއެވެ.

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން މޯލްޑިވް ގޭހުގެ ހުޅުމާލެ ސޭލްސް ސެންޓަރުގައި މިއަދު ބޭއްވި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް ވިދާޅުވީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާ އަކީ މުވައްޒަފުން ކަމަށާއި ކުންފުނީގެ ކުރިމަގަކީ ވެސް އެއީ ކަމަށެވެ.

އެގޮތުން ހައްޖު ދަތުރު ދޭން ނިންމީ ވެސް ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންގެ ކުރިމަގާމެދު ވިސްނަނީ މަދު ކުންފުންޏަކުންކަން ފާހަގަކުރައްވާ ޝަޒާއިލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ސްކޮލާޝިޕް ދީގެން ފަންނުވެރި މުވައްޒަފުން އުފައްދާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދެތިން އަހަރު ތެރޭ އެ ކުންފުނީގައި ތިބޭނީ ތަޖުރިބާކާރު ޓެކްނީޝަނުންނާއި މެކޭނިކަލް މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ހަފްލާގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝިފާން ވެސް ބައިވެރިވެ ވަޑައިގެންނެވިއިރު، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ހަދިޔާ ވެސް ވަނީ ބަހައިފައެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ބޮޑު ހިއްސާއަކާއެކު ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީއާ ގުޅިގެން 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އުފަންކުރުވި މޯލްޑިވް ގޭހަކީ މިއަދު ކައްކާ ގޭހުގެ އިތުރުން ސިއްހީ ދާއިރާ އާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ގޭހުގެ ބާވަތްތައްވެސް ފޯރުކޮށްދޭން އެންމެ އިތުބާރު ކުރެވޭ ކުންފުންޏެވެ.

މީގެ އިތުރުން، މޯލްޑިވް ގޭހަކީ ރާއްޖޭގައި ކުރެވޭ އިޖްތިމާއީ ތަފާތު ހަރަކާތްތަކަށް ފުޅާ ދާއިރާއެއްގައި އެހީތެރިވަމުން އަންނަ އަދި ދިވެހީގެން އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، ކަންކަމާއި ޒުވާނުންނާއި ކިޔަވާކުދީންގެ ކުރިމަގު އުޖާލާކުރުމަށް ހިންގޭ ހަރަކާތްތަކަށް ވެސް އެ ކުންފުނީގެ އެހީވެއެވެ.

މިކަންކަމާއެކު ވެސް މޯލްޑިވް ގޭހުން މިދިޔަ އަހަރު ވަނީ ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އެގޮތުން މޯލްޑިވް ގޭހަށް މިދިޔަ އަހަރު 223 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

Leave a comment

Your email address will not be published.