Fri, 5 June, 2020, 10:10 am
މުދައްރިސްކަމަކީ، އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަސައްކަތެއް: މިނިސްޓަރ
2

މުދައްރިސްކަމަކީ، އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެޑިއުކޭޝަން މިނިސްޓރަ ޑރ. އައިޝަތު ޢަލީ ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ، އެކަމަކާމެދު އެންމެންވެސް ފިކުރުކުރަންޖެހޭ ކަމެއްކަމަށެވެ.

އެގޮތުން މުދައްރިސުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަކަވުމުގެ ސަބަބުން އެމީހުން ވަޒީފާއަށް ގެނުވާ ދެމެހެއްޓުމަކީ ގޮންޖެހުމަކަށް ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ ދޫކޮށްލާ މުދައްރިސުންގެ ނިސްބަތް މުޅި ދުނިޔޭގައި މަތިވަމުންދާ ސަބަބެއްކަމަށް ބެލެވެނީ ކުރިމަގު އުޖާލާކަމަށް ނުފެނުމާއި ވަޒީފާގެ ނުތަނަވަސްކަން ބޮޑުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި ރެފިއުޖީންނާއި ގިނަ ބަސްދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޚިތާބުގައި ވަނީ މުދައްރިސުން ކުރަމުންދާ މަސައްކަތަކީ މަތިވެރި ގުރުބާނީއެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކޮންމެ މީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި މުދައްރިސެއް ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ، އެމީހުންނާ ދިމާވި މުދައްރިސުންކަމަށެވެ. އަދި މުދައްރިސްކަމަކީ، އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރގެ ޚިޠާބުގައި ވަނީ ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.

Leave a comment

Your email address will not be published.