Fri, 29 May, 2020, 5:17 pm
42 ތެޔޮ ބައުޒަރެއް ބަލާ ފާސްކޮށް 30 ބައުޒަރެއްގެ ލައިސެންސް ބާތިލްކޮށްފި
4

މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބަލަން އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގައި 30 ތެޔޮ ބައުޒަރެއްގެ ލައިސެންސް ކެންސަލްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިމަހުގެ ދޭކުން ތިން ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން މާލެ ސިޓީގައި ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި 42 ބައުޒަރެއްގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކުރި ކަމަށެވެ.

އަދި މި ބަލާ ފަސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ބާތިލްކޮށް، 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ތެޔޮ ބައުޒަރުތައް ބަލާ ފާސްކުރުމަށް ހިންގި ޕްރޮގްރާމްގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާންނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވުނު ކަމަށެވެ.

މާލޭގެ ތެޔޮ ބައުޒަރުތައް އެމްއެންޑީއެފުން ބަލާ ފާސްކޮށްފައިވާއިރު، ޓީޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރު ޕާކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަނީ ގަވައިދާ ހިލާފަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އަދި މިދިޔަ ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ވެސް  އެ ސަރަހައްދުގައި ތެޔޮ ބައުޒަރު ޕާކުކޮށް، ތެޔޮ ޓޭންކު ގޮތުގައި ބޭނުން ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން މާލޭ ދެކުނު ހާބަރު ޓީޖެޓީ ސަރަހައްދުގައި ތެޔޮ އެޅުމުގެ އިތުރުން އެސަރަހައްދުގެ ސަލާމަތާ ގުޅިގެން ކަމާގުޅުންހުރި އިދާރާތައް މަޝްވަރާކޮށް ބައެއް ގަވައިދުތައް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން، މާލޭގައި މިހާރު ބޭނުން ކުރާ ބައުޒަރުތަކަަކީ އެމްއެންޑީއެފްގެ ގައިޑްލައިނާ އެއްގޮތަށް ހުރި ބައުޒަރުތޯ ބަލައި، އެމްއެންޑީއެފްގެ ގައިޑްލައިންގެ މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލްކޮށް، ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ބައުޒަރުތަކުގެ އިތުރަށް އަލަށް ބައުޒަރު ރަޖިސްޓްރީ ނުކޮށްދިނުމަށް ނިންމައިފައެވެ.

އަދި ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް ޕާކު ނުކުރުމަށާއި އެއްވެސް ހާލަތެއްގައި ބަނދަރު ތޮށި ކައިރީ ތެޔޮ ބައުޒަރު ޕާކު ކޮށްފައި ނުބޭއްވުމަށް ވަނީ އަންގައިފައެވެ.

Leave a comment

Your email address will not be published.