މުޙައްމަދު އިބްރާހިމް
05 October 2019
މަޤްބޫލު ޙަބަރު

ދީނަށް ފުރައްސާރަ ކުރުުން ހުއްޓުވަން، ދީނީ އެއްބަައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއެކު މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ތިރީހަށްވުރެ ގިނަ ދީނީ އިލްމުވެރިންނާއެކު ދެ ގަޑިއަރަށްވުރެ ގިނައިރު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާ ގުޅޭގޮތުން އިލްމުވެރިންގެ ކަންބޮޑުވުން އޮޅުންފިލުއްވާ، އެކަމާ ގުޅޭގޮތުން ހިޔާލު ބަދަލު ކުރައްވައިފައެވެ.

އަދި އެކަން ހައްލުކުރުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އިލްމުވެރިންނަށް ދެއްވައިފައެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު މީޑިއާތަކަށް ވިދާޅުވީ، އެ ބައްދަލުވުމުގައި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް އަދަބު ކަނޑައަޅައި، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފައި މިވަނީ، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓަކާ ގުޅިގެން އާންމުންގެ ނުރުހުމާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން “ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި 2016 ވަނަ އަހަރު އެމްޑީއެން އިން ނެރުނު ރިޕޯޓްގައި މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ވާހަކަތަކެއް ހިމަނާފައިވެއެވެ.

އެ ރިޕޯޓާމެދު އެމްޑީއެން އިން މިހާރު މާފަށް އެދި، ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހު ކުރަން ކަމަށް ބުނެ، އެ ރިޕޯޓު އެ ޖަމިއްޔާއިން ވަނީ އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް އެމްޑީއެން އުވާލަން އެދި ރައީސްއަށް ހުށަހަޅަން އާންމުންދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©