Fri, 5 June, 2020, 12:47 pm
ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ ހަތިޔާރަކަށް ދީން ހެދުން: ނަޝީދު
3

ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މާތް ﷲ  އަށާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް ގަދަރުކުޑަވާ ވާހަކަތަކެއް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވަނިކޮށް، މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، އިސްލާމްދީނަކީ އެންމެ ފުރިހަމަ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން ކަމަށެވެ. ނަމަވެސް ދީން ހަތިޔާރަކަށް ހެދުމަކީ ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރަ ކަމަށް ވިދާޅުވިއެވެ.

“ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާ ކުރުން،” ރައީސް ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް އެމަނިކުފާނުގެ ޓުވީޓްގައި އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ނުވަތަ އެ ރިޕޯޓް ކުށްވެރިކޮށްފައެއް ނުވެއެވެ.

އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ އެމްޑީއެންގެ ރިޕޯޓަކީ 2016 ވަނަ އަހަރު އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެކެވެ.

“ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓްގައި މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ވާހަކަތަކެއް ހިމަނާފައިވެއެވެ

އެ ރިޕޯޓާމެދު އެމްޑީއެން އިން މިހާރު މާފަށް އެދި، ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހު ކުރަން ކަމަށް ބުނެ، އެ ރިޕޯޓު އެ ޖަމިއްޔާއިން ވަނީ އަނބުރާ ގެންގޮސްފައެވެ.

ނަމަވެސް އެމްޑީއެން އުވާލަން އެދި ރައީސްއަށް ހުށަހަޅަން އާންމުންދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

Leave a comment

Your email address will not be published.