Fri, 5 June, 2020, 10:17 am
އެމްޑީއެންގެ ރިޕޯޓް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅާނަން: ފުލުހުން
205

މާތް ﷲ އަށާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް ގަދަރުކުޑަވާ ވާހަކަތަކެއް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށް ފާޑު ކިޔުމާއި ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހަމިއްޔަތު ކަމެއްދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

“މިފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން، މި މައްސަލައާ (އެމްޑީއެން) ގުޅިގެން ވެސް ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގައި ދަންނަވަމެވެ،” ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ގައުމީ ވަހްދަތާއި އެއްބައިވަންތަކަމާއި ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވާ ކަމަށެވެ.

އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފުލުހުން އެއްވެސް ފަސްޖެހުމެއް ނެތި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރަން ފެށުމަށްފަހު އެމްޑީއެންއާމެދު މިފަދަ ޝަކުވާތަކެއް އެ ސާވިސްއަށް ހުށަހެޅި ތަހުގީގު ހިނގަމުންދާކަން ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށް ވެސް ވާނީ ހިއްސާކުރެވިފަ ކަމަށެވެ.

Leave a comment

Your email address will not be published.