Fri, 29 May, 2020, 6:45 pm
މުޖުތަމައުގެ ސުލްހަ އިސްކޮށް، އަނިޔާވެރި އަމަލުތަކަށް މަގުފަހި ނުކުރައްވާ: ހޯމް މިނިސްޓްރީ
2

މާތް ﷲ އަށާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް ގަދަރުކުޑަވާ ވާހަކަތަކެއް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާ ގުޅިގެން އަނިޔާވެރި އަމަލުތަކަށް މަގުފަހިވާފަދަ ކަންކަން ނުކުރުމަށް ހޯމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެމްޑީއެންގެ ރިޕޯޓް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ނޫސްބަޔާނެއް ނެރުނުތާ ކުޑަ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓް ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަށް އިސްކަންދިނުމަށާއި އަނިޔާވެރި އަމަލުތަކަށް މަގުފަހިވާފަދަ ކަންކަމާއި ބަސްތައް ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ޓުވީޓްގައި ބުނެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ، އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށް ފާޑު ކިޔުމާއި ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހަމިއްޔަތު ކަމެއްދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން އެފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން، އެމްޑީއެންގެ މައްސަލައާ ގުޅިގެން ވެސް ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Leave a comment

Your email address will not be published.