މުޙައްމަދު އިބްރާހިމް
06 October 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރައްވައިފިއެވެ.

ވައްޑެ ޖޭޕީއާ ސޮއިކުރެއްވީ އެޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވައްޑެ ވަނީ ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު، ޕާޓީއަށް ސޮއިކުރިކަމުގެ ލިޔުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަތްޕުޅަށް އަރުވައިފައެވެ.

ގާނޫނީ ދާއިރާއިން މާސްޓާސް ހައްދަވައިގެން، ޝަރުއީ ގިނަ މައްސަލަތަކެއްގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާފައި ހުންނެވި ވައްޑެއަކީ ފެށުނީއްސުރެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެން މެމްބަރެކެވެ.

އެގޮތުން ޕީޕީއެމުން ވަކިކޮށް، ވައްޑެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ޖުލައި 3، 2017 ގައި 45 މެމްބަރުންގެ ސޮޔާއެކު، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުން، ސޮއި އަނބުރާ ގެންދަވަން ޕީޕީއެމުން އެންގި އެންގުމަށް ދެކޮޅު ހެއްދެވުމުންނެވެ. އޭގެ ފަހުން ވައްޑެ މަޖިލީހަށް ވަންނަވަން ސަލާމަތީ ބާރުތަކުން ހުރަސް އެޅިއެވެ.

ޕީޕީއެމުން އެދިގެން ވައްޑެގެ މެމްބަރުކަމުގެ ގޮނޑި ގެއްލުވާލީ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ، ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި އެ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށެވެ.

އެ ހުކުމް އައުމުގެ ކުރިން، ޕީޕީއެމުން ވަކިވާން ވައްޑެ ސިޓީ ފޮނުވިއެވެ. ނަމަވެސް އީސީން ބުނެފައިވަނީ ޕާޓީން ވަކިވި ކަމަށް ބަލާނީ އެ ކޮމިޝަނުން ބަލަހައްޓަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރާ ހިސާބުން ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސުޕްރީމް ކޯޓުން ބާތިލްކޮށް، އެ 12 މެމްބަރުންނަށް ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތު ތަނަވަސްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©