މުޙައްމަދު އިބްރާހިމް
07 October 2019
މަޤްބޫލު ޙަބަރު

މާތް ﷲ އަށާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް ގަދަރުކުޑަވާ ވާހަކަތަކެއް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޕޯޓަށްފަހު ރައީސް ހަނު ހުންނަވާތީ އެތައް ބައެއްގެ ކަންބޮޑުވުންތައް އުފެދިފައި ވަނިކޮށް ރައީސް ސޯލިހު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅަމުން ގެންދާނަމެވެ،” ރައީސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ވިދާޅުވީ، ދީނީ ޝިއާރު ފާޅުކުރުމުގައާއި ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ ހިލާފުނުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©